ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ޤާނޫނުތައް ނުހެދި ކޮމިޓީތައް ހުއްޓިފައި އޮތުމުމަކީ ސަރުކާރުން ކަންބޮޑުވާ މައްސަލައެއްކަމަށް ރައީސް އޮފީޙުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންތަކެއް ވަކިވުމާއި މަޖިލީހުގެ ކޮމިޓީތަކަށް ގެންނަންޖެހޭ ބަދަލު ނުގެނެވި، ކޮމިޓީތަކުގެ މަސައްކަތް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ. މިހަފްތާ ނިމިގެންދިޔައީވެސް އެ މަސައްކަތަށް ހައްލެއް ނުލިބި، ކޮމިޓީތައް ހުއްޓިފައި އޮއްވައެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަން ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ މަޖިލީހަކީ ރައްޔިތުންނާއި ސަރުކާރާއި ގުޅުންހުރި މުހިއްމު މަސައްކަތްތަކެއް ހިންގާ ތަނަކަށްވާއިރު، މަސައްކަތްތައް މަޑުޖެހި، ހުއްޓިފައި އޮތުމަކީ ސަރުކާރުގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މިއުވާން ވިދާޅުވީ މަޖިލީޙުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މުހިންމު ބިލުތަކެއްގެ މަސައްކަތްވެސް ހުއްޓިފައި އެބައޮތްކަމަށެވެ.

"ސަރުކާރުގެ ކަންބޮޑުވުން އެބަހުރި. ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބައެއް ބިލްތަކުގެ މަސައްކަތް މަޖިލީހުގެ ތެރޭގައި މަޑުޖެހި އަދި ލެޖިސްލޭޓިވް އެޖެންޑާ ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް އެބަދިމާވޭ." މިއުވާން ވިދާޅުވިއެވެ.

މަޖިލީޙުގައި ހުއްޓިފައި ހުރި މުހިއްމު ބިލްތަކުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު، ޖަނަވާރުގެ ޞިއްހަތު ބިލު، ބިނާވެށި ޕްލޭން ކުރުމައި ބެހޭ ބިލު، އިންޝުއަރެންސް ބިލު އަދި ގިނަ އަދަދެއްގެ ޤާނޫނުތަކަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުތައްވެސް ހިމެނެއެވެ.

މަޖިލީހުގެ ކޮމިޓީތައް ހުއްޓިފައި އޮތް މައްސަލައިގައި ބައެއް މަސައްކަތްތައް ހުއްޓިފައި ހުރުމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްވެސް ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު