މިސަރުކާރުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ބޮޑު ދެ މަޝްރޫއެއް ފައްޓަވައި ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެ ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެއެވެ.

ރައީސް އައްޑޫ ސިޓީއަށް ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހޮނިހިރު ދުވަހު ފުރާ ވަޑައިގަންނަވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި އައްޑޫގައި ކުރިއަށް ގެންދަވާ މުހިންމު ބޮޑެތި މަޝްރޫއުތައް ބައްލަވާލައްވާ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ މި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާ ރައްޔިތުންނާއި ބައްދަލުކުރައްވާ، ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާއި ބައްދަލުކުރައްވާނެއެވެ.

ރައީސް ޞާލިހު ފައްޓަވައިދެއްވާ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 194.3 ހެކްޓަރުގެ ބިން އިތުރު ކުރެވިގެންދާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.

ހިތަދޫއަށް 90 ހެކްޓަރު ބިމާއި މަރަދޫ އަދި މަރަދޫފޭދޫއަށް 16 ހެކްޓަރުގެބިމާއި ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން އައްޑޫ ސިޓީ ފަޅުތެރޭއިން 8.3 ހެކްޓަރުގެ 3 ރަށަކާއި 4 ލޭން ޑިޓުއަރ ލިންކު ރޯޑުގެ ބްރިޖުގެ އެމްބޭންކްމަންޓަށް 3.3 ހެކްޓަރު ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. 18 މަސްދުވަސް ތެރޭގައި ނިންމުމަށް ޙަވާލުކުރި މި މަޝްރޫއަކީ ޖުމްލަ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މީގެ އިތުރުން އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި އެއަރޕޯޓުގެ ޓަރމިނަލް ތަރައްޤީކުރާނެއެވެ. އަދި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖު ވަސީލަތްތައް ވެސް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވިޔަފާރިއަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ތަރައްޤީކުރެވިގެންދާއިރު، އައު ކޮންޓްރޯލް ޓަވަރަކާއި، ފަޔަރ ސްޓޭޝަނެއް ވެސް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަރޕޯޓުގެ މަގުތަކާއި އެއަރޕޯޓްގެ ޕާކިން ސަރަހައްދުތައް ވެސް މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީގެ ހުރިހާ ރަށްތަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު