ރާއްޖެއަށް ލިބެންޖެހޭ ކަނޑުގެ ސަރަހައްްދު ނުހޯދާ އޮއްވާ ކަނޑުގެ ސަރަހައްދު ހޯދީ މި ސަރުކާރުން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެެ.

ޝަރީފު މިހެން ވިދާޅުވީ ކަނޑުގެ ޤާނޫނުގެ ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް) ‎ގައި ކުރިއަށްދިޔަ ރާއްޖެއާއި ޗާގޮސްގެ އިންކަނޑައެޅުމުގެ މައްސަލަ ނިންމި ގޮތާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން އަމާޒު ކުރާ ފާޑުކިޔުންތަކާއި ގުޅިގެން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ގައުމުން ބައެއް ވިއްކާލިއޭ ކިޔައިގެން ބަޔަކު ވާހަކަ ދައްކަނީ ރައްޔިތުންނަށް އޮޅުވާލައި ފިތުނަ ފަސާދަ އުފައްދަން ކަމަށެވެ.

އަދި ކުރީގެ ސަރުކާރުތަކުގައި ޗާގޮސްއާއި ރާއްޖޭގެ ކަނޑެެއް އޮތް ކަމެއް ދެނަހުރި ބަޔަކު ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެން ނަމަވެސް މިއަދުގެ ސަރުކާރުން ރާއްޖެއާއި މޮރިޝަޝް ނުވަތަ ޗާގޮސް އާއި ދޭތެރޭ ކަނޑުން ބޮޑު ސަރަހައްދެއް ހޯދާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މިއީ ސަރުކާރުން ހޯދި އާދަޔާ ޚިލާފު ލާމަސީލު ކާމިޔާބީއެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ކޮންތާކު ކާކު ކަނޑެެއްތޯ ވިއްކީ. ކަނޑައެޅިގެން ވައްކަން ކުރުމާއި ފަސާދަ ކުރުމާއި ފޭރުމަަށް މަޝްހޫރު ވެރިން ތިބި ޕާޓީއެއްގެ ވެރިން މިއަދު ލަދުގަންނަންޖެހޭނެ، ހަމަހޭގައި ތިބި މީހުންނަށް ރަނގަޅަށް ވާހަކަ ދެއްކޭނީ. ޑްރަގް ވިއްކާ މީހުންނާއި ޑްރަގު ބޯ މީހުންނާއި ޑްރަގު ބޮއިގެން ޖަލަށްލާފައި ތިބި މީހުންނަށް ރަނގަޅަށް ވާހަކަ އެއް ނުދެއްކޭނެ،" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ކަނޑު ވިއްކާލައި ބޭރުގެ މަސްވެރިންނަށް ދާއަޅަން ފުރުސަތު ދިނީ ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި އޭރުގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަޒީރުކަމުގައި ހުންނަވައިގެން ކަމަށެވެ. ކަނޑު ވިއްކާލިއޭ ކިޔާ މީހުންނަކީ މީގެ ކުރިން ކަނޑު ވިއްކާލައި ފ.އަތޮޅު ވިއްކާލުމަށް އެގްރިމެންޓް ކުރި މީހުންނާއި ސޫޓް ކޭސްތަކުގައި ބޭރު ގައުމުތަކުން ލާރި ގެނައި މީހުންކަމަށް ޝަރީފް ވިދާޅުވިއެވެ.

"ކަނޑު މި ބޭފުޅުން ވިއްކާލާފައި އޮއްވާ، ކަނޑު ވެސް ނުވެސް ހޯދައި އޮއްވައި މި ސަރުކާރުން ކަނޑު ހޯއްދެވީ، އެއީ މި ސަރުކާރުން ހޯދި އާދަޔާ ޚިލާފު ކާމިޔާބީއެއް. އިޓްލޮސް އިން އެންގީ ކީކޭތޯ، އިޓްލޮސް އިން މިތަނަށް ޗިޓް ފޮނުވީ ކުރީގައި ބުނީ ޗާގޮސް މައްޗަށާއި ކަނޑުގެ މައްޗަށް ދައުވާ އެއް އެބައޮތްތޯ، އައިސީޖޭން ޔާމިނު ސަރުކާރުގައި ބުނީމަ ތިމަންނަ މެން ކަނޑެއް ވެސް ހޯދާކަން ބޭނުމެއް ވެސް ނޫނޭ ޗާގޮސް ވެސް ހޯދާކަން ބޭނުމެއް ނޫނޭ ކިޔާފައި އޮތީ." ޝަރީފް ވިދާޅުވިއެވެ.

ރާއްޖެއާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިޞާދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ.

އެކަމާ ގުޅިގެން އިޓްލޮސްއިން ނިންމާފައިވަނީ ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބެލުމަށެވެ. އެއާއެކު ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު