ސްޓޭޓް ޓްރޭޑިންގް، އެސްޓީއޯއަށް މިދިޔަ އަހަރު ވިޔަފާރި ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މިރޭ ބޭއްވީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މިރޭގެ ޖަލްސާގައި އެސްޓީއޯގެ ހިއްސާއަކަށް 77 ރުފިޔާ ބަހަން ނިންމާފައިވާއިރު މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި އެސްޓީއޯގެ ހިއްސާއަކަށް ބެހި އެންމެ ބޮޑު އަދަދެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި އެސްޓީއޯގެ ހިއްސާދާރުންގެ ތެރެއިން 300 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

2022 ވަނަ އަހަރު ހިއްސާގެެ ފައިދާގެ ގޮތުގައި 70 ރުފިޔާ ބަހާފައިވާއިރު 2021 ވަނަ އަހަރު ބަހާފައިވަނީ 65 ރުފިޔާއެވެ. އަދި 2020 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ބަހާފައިވަނީ 60 ރުފިޔާއެވެ.



އެސްޓީއޯގެ ކުއާރޓަލީ ރިޕޯޓުގައިވާ ގޮތުން، 2022 ވަނަ އަހަރު އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރު އެކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނު 10.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 79 އިންސައްތަ އިތުރު އަދަދެއް ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރު އެސްޓީއޯގެ ހިންގުމުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެފައިވާއިރު، މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ސާފު ފައިދާވެސް ވަނީ 2021 ވަނަ އަހަރަށްވުރެ އިތުރުވެފައިއެވެ. އެގޮތުން، 2022 ވަނަ އަހަރު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަދަދަކީ 2021 ވަނަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 486 މިލިއަން ރުފިޔާއާއި އަޅާބަލާއިރު 52.6 އިންސައްތަ އިތުރު އަދަދެކެވެ.



ކިޔުންތެރިންގެ ހިޔާލު