މިވަގުތު ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރަކަށް މުހައްމަދު އަމީން މިރޭ އައްޔަންކޮށްފި އެވެ.

ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރުކަމަށް ހަމަޖެއްސި އެކަމުގެ ލިޔުން އަމީނާއި ހަވާލުކުރަށްވާފައިވަނީ އިދިކޮޅު ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމެވެ.

އަމީނަކީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމު އަދާކުރަށްވާފައިވާ ބޭފުޅެކެވެ.

ޔާމީންގެ ކެމްޕެއިން މެނޭޖަރު ކަމަށް އަމީން އައްޔަންކޮށްފައިވާއިރު އެމަނިކުފާނުގެ ޑެޕިއުޓީ ކެމްޕެއިން މެނޭޖަރު ކަމަށް ކުރީގެ ހެލްތު މިނިސްޓަރު ނާޒިމް އިބްރާހިމް މިރޭ ވަނީ ހަމަޖައްސާފައެވެެ.

ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް، ޔާމިންގެ ކެމްޕެއިން މެނޭޖަރަކު ހަމަޖައްސާފައިވާއިރު ވ. އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވިދާނެ ކަމާއި މެދު މިހާރު ވެސަ ވަނީ ގާނޫނީ ސުވާލު އުފެދިފައެވެ. އެހުކުމް ޔާމިންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި ނަމަވެސް އެމައްސަލައިގެ އިސްތިއުނާފް އަދި ވެސް ނުފަށައެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ވެސް ޔާމިނަށް ދައުވާ ކުރާ މައްސަލަތަކެއްގެ ޝަރީއަތް މިހާރު ވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު