ދިވެހި ދައުލަތް އޮތީ ދަރިވަރުންނާ އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ "މަތީ އަރުތަވެރީންގެ އިނާމު 2022-2021" ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދިވެހި ސަރުކާރު އޮތީ ކިޔަވާކުދިން ތަޢުލީމީ ރޮނގުން ދާން ބޭނުންވި ކޮންމެ ރޮނގަކުން، ދާން ބޭނުންވި ކޮންމެ ހިސާބަކަށް ގެންގޮސްދޭން ތައްޔާރަށް ކަމަށެވެ. އަދި އެއްވެސް ކުއްޖަކު ބާކީ ނުކޮށް އަދި އެއްވެސް ތަފާތުކުރުމެއް ނެތި، މި ތިބީ އެ ފުރުޞަތު ފަހިކޮށްދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާބާދީ ކުޑަވެގެން ނުވަތަ ކުދިން މަދުވެގެން ސްކޫލްގައި ކިޔަވައިނުދޭ ރަށެއް މިހާރަކު ނޯންނާނެ ކަމަށެވެ. އަދި ޘާނަވީ ނިންމުމަށް ފަހު، މަތީ ޘާނަވީއަށް ކިޔެވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިހާރުވަނީ ތަނަވަސްވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައްވެސް ބައެއް އަތޮޅުތަކުގައި މިހާރު ހުރީ ހަމަޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިންގެ ކުރިމަތިން ފެންނަން ހުރި ޙަޤީޤަތް ކަމަށެވެ. އަދި މަތީ ތަޢުލީމާއި ތަމްރީންގެ މިހާ ފަހި ފުރުޞަތުތަކެއް، އެއްވެސް ސަރުކާރަކުން މީގެ ކުރިން ފަހިކޮށްދީފައި ނެތް ކަމަށެލް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް، އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ކަމަކީ، ދިވެހި ދަރިންނަށް ރަނގަޅު ތަޢުލީމު ހޯދައިދިނުމަށް ކަމަށާއި، މަތީ ތަޢުލީމާއި ތަމްރީންގެ ދާއިރާ މިހާރަށް ވުރެ ފުޅާކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާންތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ މަޤާމު ދަރިވަރުން ޙާޞިލުކުރުމަކީ، ޙަޤީޤަތުގައި މުޅި ޤައުމަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ޤައުމުގެ ކުރިމަގާ މެދު އުންމީދު އާލާވާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއީ ދަރިވަރުން އެކި ރޮނގުތަކުން މަތީ ތަޢުލީމު ޙާޞިލުކޮށްގެން، ރާއްޖެއަށް ކުރިއެރުމާއި ފާގަތިކަން ހޯދައިދިނުމަށް ނުކުތުމުގެ އުންމީދުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކޮންމެ ދަރިވަރަކީ، ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީން ޙާޞިލުކޮށްގެން، ޤައުމީ ތަރައްޤީގެ ޒިންމާތަކާ ޙަވާލުވާނެ ދަރިއެއްކަން ޔަގީންކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު