ހަންކެޑެގައި ތަރައްޤީކުރާ ޓޫރިޒަމް ޕްރޮޖެކްޓްގެ ވަޒީފާތަކަށް ވޯކިން އިންޓަރވިއުތަކެއް މާދަމާ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓްގެ ނަމުގައި އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ބިޔަ މަޝްރޫޢެއް އިއުލާންކޮށްފައވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރަތުންނެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ފަސޭހައިން އިންވެސްޓް ކުރެވޭފަދަ އިންތިޒާމެއް ހަމަޖެއްސެވުމުގެ ގޮތުން އުފައްދާފައިވާ 100 އިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

އެ ކުންފުނިން ބުނީ ހަންކެޑެގައި ތަރައްޤީކުރާ ފަތުރުވެރިކަމުގެ ޕްރޮޖެކްޓްގައި ތަފާތު އެކި ބާވާތްތަކުގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ހިމެނޭކަމަށެވެ. އަދި މާދަމާ އެތަނުގެ ވަޒީފާއަށް މީހުން ނެގުމަށް ވޯކިންގ އިންޓަރވިއުތަކެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

ވޯކިން އިންޓަރވިއު އޮންނަނީ މަރަދޫ އަރުމަންގައި މާދަމާ މެންދުރު 2:00 އިން ހަވީރު 5:00އަށެވެ. ވަޒީފާއަށް މީހުން ނަގާ ދާއިރާތަކުގެ ތެރޭގައި އޮފިސަރސް، ސުޕަވައިޒަރ، އެގްޒެކްޓިވް އަދި ސަޕޯޓް ސްޓާފްފަދަ ހުރިހާ ފަންތިއެއްގެ މީހުންނަށް ކުރިމަތިލެވޭ ވަޒީފާތައް ހިމެނެއެވެ. އިންޓަވިއުއަށް އަންނަ ފަރާތްތަކުން ސީވީއާއި އައިޑީ ކާޑު ގެނައުމަށް ވަނީ އެދިފައެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓާއެކު އައްޑޫގެ ފަތުރުވެރިކަމަށް މުޅިން އެހެން ހަރުފަތަކަށް ގެންގޮސް، އިންގިލާބީ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. މީގެއިތުރުން ވަޒީފާގެ ފުރުސަތުތަކާއި ކުދި ވިޔަފާރިތައް ކުރިއެރުވުމަށްވެސް ފުރުސަތުތަކެއް ލިބިގެންދާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓަކީ 1041 ކޮޓަރި ހިމެނޭ މަޝްރޫއެކެވެ. އޭގެތެރޭގައި ފަތުރުވެރިކަމުގެ އެކި ބާވަތްތަކުގެ ކޮޓަރިތައް ހިމެނޭނެކަމަށްވެސް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެއެވެ.

އައްޑޫގައި ޓޫރިޒަމް ފުޅާކުރަން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ލިންކް ރޯޑުން ގުޅިފައި އޮންނަ މަރަދުއާއި ގައުކެނޑިއާ ދޭތެރޭ އޮންނަ ހަންކެޑެގައި ފަތުރުވެރިކަން ތަރައްގީކުރުމަކީ ރައީސް ސާލިހުގެ ވައުދެކެވެ.

ކުރީ ސަރުކާރުތަކުންވެސް ހަންކެޑެގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އެކި މަޝްރޫއުތައް އިއުލާންކޮށްފައި އެބަހުއްޓެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން މިހާތަނަށް އައިއިރު އެ މަސައްކަތްތައް ނިންމާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު