ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުން މަސައްކަތްކުރަނީ ގައުމުގެ އިގްތިސާދު ފުޅާކޮށް ދައުލަތުގެ އާމްދަނީ ދެގުނަކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ ގައުމުގެ އިގްތިސާދު ފުޅާކޮށް ދައުލަތުގެ އާމްދަނީ ދެގުނަކުރަން ކަމަށާއި، މީގެ ކުރިން އެއްވެސް ސަރުކާރަކުން އެ އިގްތިސާދު ފުޅާކުރަން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ތެލަށް ކުރާ ހޭދަ މަދުކުރުން ކަމަށެވެ.

އެގޮތުން ކަރަންޓް އުފެދުމަށް ކުރާ ހަރަދުގެ 30 ޕަސެންޓް ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭގައި މަދު ކުރެވޭނެ ކަމަށާއި އެއީ އިގްތިސާދު ފުޅާކުރަންކުރާ މަސައްކަތެއް ކަމަށް ޣަފޫރު ވިދާޅުވިއެވެެ.

ގައުމު ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތްތަށް ގާއިމް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެ ޣަފޫރު ވަނީ އެކަންކަމުގެ ބައެއް ތަފްސީލްތަށް ހިއްސާކުރަށްވާފައެވެ.

"މޫސުން ގޯސްނުވާނަމަ ހަނިމާދޫ އެއާޕޯޓަށް އޮގަސްޓްމަހު އަޅުގަނޑުމެންނަށް ޓެސްޓް ފުލައިޓް ޖެއްސޭވަރުވާނެ، މިދައްކަނީ އޭ ތްރީ 23ގެ މަތިންދާބޯޓް ޖައްސާ ވާހަކަ. މާފަރު އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެދަނީ. އައްޑޫ އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ދާދި އަވަަހަށް ފެށިގެންދާނެ. މިއީ ގައުމެއް ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތް، އެއްވެސް ސަރުކާރަކުން މިއިން ކަމެއް ކޮށްފައި އޮތް ތަނެއް ދައްކަބަލަ، މިއުޅެނީ މިގައުމުގެ އިގްތިސާދު ފުޅާކޮށް އާމްދަނީ ދެގުނަކުރަން." ސަރުކާރުން އެއާޕޯޓްތައް ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތައް ފާހަގަކުރަށްވައި ޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން ޣަފޫރު ވިދާޅުވީ މި ސަރުކާރުން ގެނެސްފައިވާ ތަރައްގީ އެނގޭނީ ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކޮށްލުމުން ކަމަށެވެ. ޣަފޫރު ވަނީ ރަށްރަށް ތަރައްގީ ކުރަން ގިނަ މަސައްކަތްތަކެއް ކުރަންހުރިކަން ފާހަގަކުރަށްވާފައެވެ. މީގެ ކުރިން އެކަންކަން ކޮށްފައި ހުރިނަމަ އެ މަސައްކަތް ކުރަން މިސަރުކާރަށް ނުޖެހުނީސް ކަމަށް ޣަފޫރު ވިދާޅުވިއެވެ.

"ހަތަރު ފަސް ޕްރޮޖެކްޓެއް ހިންގަން ނުޖެހޭ އެއްވެސް ރަށެއް ނެތް، މިއީ އިއާދަވަމުން އައި ދައުލަތްތަކެއް ހިނގަމުން އައި ގައުމެއް، ކުރަން ނުޖެހޭ ގޮތަށް އެއްވެސް ކަމެއް އެހެން ސަރުކާރަކުން ކޮށްފައި އޮތް ނަމަ މިސަރުކާރަށް ވަރަށް ލުއިވާނެ. ކޮންމެ ރަށެއްގެ ބަނދަރު ހަދަންޖެހޭ، ސުކޫލު ހަދަންޖެހޭ، އިންޖީނުގެ ބަދަލުކުރަންޖެހޭ، މިއިން އެއްވެސް ކަމެއް ނިމިފައި އޮތް އެއްވެސް ރަށެއް ނެތް،" ޣަފޫރު ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު