ރާއްޖޭގެ ވެރިންނަށް ހުތުރު ނަންނަމުން ގޮވަން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އެމްޑީޕީންކަމަށް އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ކުރީގެ ރައީސުންނަށް ނިސްބަތްކޮށް އެދުވަސްވަރެއްގެ އިދިކޮޅު ފަރާތްތަކުން ކިޔަމުން އައި ހުތުރު ނަންތަކަކީ މައްސަލައެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވުމުންނެވެ.

ޝަރީފް ވިދާޅުވީ ނަޝީދަށް އެއީ މައްސަލައަކަށް ނުވިޔަސް، އެއީ އޭނާ ކަންބޮޑުވެ ވަޑައިގަންނަވާ މައްސަލައެއްކަމަށެވެ. އަދި މިއީ ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ފެއްޓެވިކަމެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއީ އޭނާ ދެކެވަޑައިގަންނަވަން ބޭނުންވާ މަންޒަރެއް ނޫންކަމަށެވެ.

"ނަޝީދު ކަންބޮޑު ނުވިޔަސް ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ކަންބޮޑުވޭ، އަހަރުމެންގެ ހަނދާނުގައި ތިކަން ފެށީ އެމްޑީޕީން ރ. ނަޝީދު އިސްވެ ހުންނަވައިގެން، އަހަރެން ބޭނުމެއް ނޫން ރައީސުންނަށް އެމީހުންގެ އަގުވައްޓާލުމުގެ ނިޔަތުގައި ހުތުރު ވަނަމަކުން ގޮވާކަށް." ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ރައީސުންނަށް ނިސްބަތްކޮށް ކިޔަމުން އައި ހުތުރު ވަނަންތަކުގެ ވާހަކަ ރައީސް ނަޝީދު މަޖިލީހުގައި ދެއްކެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަގަށް ގޮވައި ލަވަތަކެއް ޗެނަލް 13 އިން ދެއްކި މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފެށުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވުމުން އެމައްސަލައިގައި ބައެއް މެންބަރުން ދެއްކެވި ވާހަކައަށް ތާއީދު ކުރެއްވުމުގެ ގޮތުން ނެވެ.



ކިޔުންތެރިންގެ ހިޔާލު