ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައެވެ.

މި މައްސަލަ ހުށަހެޅީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންނެވެ. މާދަމާގެ ޖަލްސާގައި މައްސަލައަށް ޖަވާބުދާރީވުމަށް ބަންޑާރަ ނާއިބަށް 30 މިނެޓުގެ ވަގުތެއް ދެއްވާނެއެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ 43 މެމްބަރުންގެ އަޣުލަބިއްޔަތު ބޭނުންވާއިރު އިދިކޮޅު ފަރާތްތަކަށް އޮތީ 29 މެންބަރުންގެ ތާއީދެވެ. އަދި ސަރުކާރަށް ތާޢީދުކުރާ މެންބަރުންގެ ޢަދަދު 56އަށް އަރައެވެ.

ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން ވެރިކަންކުރާ މައި ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ވަނީ ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތުގެ މައްޗަށް އެޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް ހާމަކޮށްފައެވެ. އެމްޑީޕީން ބުނީ ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށެވެ. އެމްޑީޕީން ބުނީ މި މައްސަލަ ކާމިޔާބުވިޔަ ނުދޭނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު