އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން، އައިއެލްއޯ މިންގަނޑާއި އެއްގޮތަށް ރާއްޖޭގެ ސީމަނުންނަށް ބޭނުންވާ އައިޑެންޓިޓީ ޑޮކިއުމަންޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓުން މިހެން ބުނެފައި މިވަނީ ކަނޑުދަތުރުފަތުރާއި ގުޅޭ ބައެއް ކޮންވެންޝަން ތަސްދީގު ކުރަން ފެށުމުން، ކުރިއަށް އޮތްތަނުގައި ދިވެހި ސީމަނުންނަށް އެހެން ސަރަހައްދުތަކުގެ ޕޯޓުތަކަށް ވަނުމުގެ ހުއްދަ ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް މިކަމާއި ގުޅޭ ފަރާތްތަކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ބޭރުގެ ގައުމުތަކުގެ ޕޯޓުތަކުން ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ސީފެއަރާސް އައިޑެންޓިޓީ ޑޮކިއުމެންޓެއް އުފެއްދުމުގެ މަސައްކަތް އިމިގްރޭޝަނާއެކު ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް މަހެއްގެ ތެރޭގައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން، އައިއެލްއޯ މިންގަނޑާ އެއްގޮތަށް ރާއްޖޭގެ ސީމަނުންނަށް ބޭނުންވާ އައިޑެންޓިޓީ ޑޮކިއުމަންޓް ފޯރުކޮށްދެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ޓްރާންސްޕޯޓުން ބުނީ މިވަގުތު ބޭނުންކުރަމުންދާ ޑޮކިއުމެންޓްތަކާއެކު ރާއްޖޭގެ ސީމަނުންނަށް ނުވަދެވެނީ ހަމައެކަނި ބްރެޒިލްގެ ޕޯޓުތަކަށްކަމަށެވެ.

ބޭރުގެ މިންގަނޑުތަކަށް ފެތޭ ސީމަނުންގެ އައިޑެންޓިޓީ ޑޮކިއުމެންޓެއް ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައިވެސް ރާއްޖެއިން ހަދާފައިނުވާކަން މިކަމާއި ގުޅުންހުރި ފަރާތްތަކުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު