ކަނޑުގެ މައްސަލައިގައި އިދިކޮޅުން އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމުގައި ބައިވެރިނުވާން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެެދިވަޑައިގެންފިއެވެ.



ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުން ހިމެނޭ ވަޓްސްއެޕް ގުރޫޕަށް ގާސިމް އިބްރާހިމް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރި ނުވުމަކީ އެމަނިކުފާނުގެ ނަސޭހަތާއި އިލްތިމާސެއް ކަމަށެވެ.

ގާސިމް ވިދާޅުވީ ހުކުރު ދުވަހުގެ އެއްވުމުގެ މިސްރާބާއި ނަތީޖާ ޖުމްހޫރީ ޕާޓީގެ ލީޑަޝިޕުގެ ގިނަ މެންބަރުންނަށް އޮޅިފައި ނޯންނާނެ ކަމަށެވެ. އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމުގައި ނިންމި ގޮތަށް ގައުމުގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން އިސް ކުރުމަށް ގާސިމް ވަނީ ގޮވާލައްވާފަ އެވެ.

"އެހެންކަމުން 2 ޖޫންގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރިވެވަޑައިނުގަތުމަކީ އަޅުގަނޑުގެ އިޚްލާސްތެރި ނަސޭހަތާއި އަދި އިލްތިމާސް އެކެވެ." މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ފޮނުއްވި މެސެޖެއްގައިވެއެވެ.

ކަނޑު ވިއްކާލުމާ ދެކޮޅަށް ކަމަށް ބުނެ އުފައްދާފައިވާ ކޯލިޝަނުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީ އާއީ، "ދަ ޑިމޮކްރެޓްސް" އަދި އެމްއެންޕީ އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބައިވެރިވެވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު