ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމުކަމެއް ކަމަށާއި އެގޮތަށް މަސައްކަތްކުރުމަށްޓަކައި ރައްޔިތުން ފުލުހުންނަށް އިތުބާރުކުރަންޖެހޭކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެެ.

މ. މަޑުއްވަރީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް އެރަށުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާގެ މައްޗަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ފުލުހުންގެ ޚިދުމަތުގެ ގާނޫނުން ފުލުހުންގެ މައްޗަށް ލާޒިމުކުރާ ކަމެއްކަމަށެވެ.

އެ ފަލްސަފާގެ މައްޗަށް ބިނާކޮށް ފުލުހުންގެ ޚިދުމަތްދޭއިރު ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމުކަމެއް ކަމަށާއި އަދި އެގޮތަށް މަސައްކަތްކުރުމަށްޓަކައި ފުލުހުން ރައްޔިތުންނަށް އަދި ރައްޔިތުން ފުލުހުންނަށް އިތުބާރުކުރަންޖެހޭކަން ސީޕީ ވިދާޅުވިއެވެ.

ކޮމިޝަނަރު ހަމީދު ވިދާޅުވީ ދާއިމީ ގޮތެއްގައި ފުލުހުން ގާއިމުކޮށްގެން ޚިދުމަތް ދިނުމަކީ ހަރަދުބޮޑު ކަމެއްކަމަށެވެ. އެގޮތުން ރާއްޖޭގެ ޖިއޯގްރަފީ އާއި ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު ރާއްޖޭގައި ފުލުހުންގެ ޚިދުމަތްދީ ތަރައްގީ ކުރުމުގައި ބޮޑެތި ދަތިތަކާއި ގޮންޖެހުންތައް ހުރިކަން ހަމީދު ފާހަގަކުރެއްވިއެވެ. އަދި އެ ގޮންޖެހުންތަކަކީ ހަމައެކަނި ފައިސާ އާއި ވަސީލަތްތަކުގެ ސަބަބުން އަންނަ ދަތިތައް ނޫންކަން ފާހަގަކުރައްވައި އިންސާނީ ވަސީލަތުގެ ދަތިކަމާއި މަސައްކަތްތަކަށް ބޭނުންވާ ހުނަރު ހުރި އަދި ޝައުގުވެރި ފަރާތްތައް ހޯދުމުގެ ދަތިކަން ހުރިކަންވެސް ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ފުލުހުންގެ ޚިދުމަތެއް ރަށެއްގައި އަލަށް ފެށުމަކީ އެރަށެއްގެ ރައްޔިތުންނާ ފުލުހުން ގުޅިގެން މަސައްކަތް ކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށާ އަދި ފުލުހުން ތިބުމުން އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށާއި ރަށުގެ ރައްޔިތުންގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް ވިދާޅުވި އެވެ.

ސީޕީ ހަމީދު ވަނީ މަސްތުވާތަކެތި ފަދަ ބޮޑެތި ކުއްތައް މަދުކުރުމަށް ރަށްރަށުގެ ކައުންސިލުތަކާ ގުޅިގެން މަސައްކަތްކޮށްދިނުމަށް މ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ވަސީލަތްތައް މަދު ނަމަވެސް ރަށު ފެންވަރުގައި އައު އުކުޅުތަކާއި އައު ވިސްނުންތައް ބޭނުންކޮށްގެން ކައުންސިލުތަކާ އަދި އެ ނޫންވެސް ގުޅުންހުރި ފަރާތްތަކާ ގުޅިގެން ފުލުހުން އަދާކުރަންޖެހޭ ގާނޫނީ ވާޖިބު އަދާކޮށްދެއްވުމަށް އެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިން ހަމީދު ވަނީ އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު