ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 86 އިންސައްތަ ނިންމާލައިފިއެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްދާ މިމަސައްކަތުގެ ސަބް ބޭސް އެޅުމުގެ މަސައްކަތުގެ 92 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން ކުރިއަށްދާ ސަބް ގްރޭޑް އެޅުމުގެ މަސައްކަތުގެ 66 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ ސައިޓުގައި މިހާރު ކުރިއަށްދަނީ ތާރުއެޅުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުން ހިމެނެއެވެ. މީގެއިތުރުން 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢަކީ 302.72 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.



ކިޔުންތެރިންގެ ހިޔާލު