ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އިންނަވަނީ މަޖިލީހުގެ ގަވާއިދާއި ކަނޑައެޅިގެން ހިލާފަށް ރިޔާސަތު ފޭރިގަނެގެން ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އިންނަވަނީ ގަވާއިދާއި ޚިލާފަށްކަމަށް މީގެކުރިންވެސް އެތައް މެމްބަރުންނެއް ވަނީ ފާހަގަކުރައްވާފައެވެ.

މަޖިލިހުގެ ހޯމަދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާއު ވިދާޅުވީ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ތެރެއިން މެދުނުކެނޑި މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ ފަސް މެމްބަރުންގެ ތެރެއިން މެމްބަރެއް ކަމަށް ގަވާއިދުގައި އޮންނަކަމަށެވެ. ނަމަވެސް އަފީފް ރިޔާސަތުގައި އިންނަވަނީ އެ ގަވާއިދާއި ހިލާފަށްކަމަށް ޝިފާއު ވިދާޅުވިއެވެ.

"ކަނޑެއް ނޫން ފޭރިގެން މިއުޅެނީ، މަޖިލީހުގެ ރިޔާސަތު ފޭރިގަނެގެން މިއުޅެނީ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ފޭރިގަނެގެން ތި އިންނަވަނީ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފްްކަން އަޅުގަނޑު ފާހަގަކޮށްލަން. ގަވާއިދުގެ 44 ވަނަ މާއްދާއާއި ހިލާފަށް." ޝިފާއު ވިދާޅުވިއެވެ.

ޝިފާއުގެ ވާހަކައާއި ގުޅިގެން އަފީފް ވިދާޅުވީ އޭނާ "ރިޔާސަތުގައި އަރާ އިންނަވަނީ" މަޖިލީހުގެ ރައީސް އެކަން ހަވާލުކޮށްފައި އޮތުމުންކަމަށެވެ. އަދި އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސަށް މައްސަލަ ހުށަނާޅަނީ ކީއްވެތޯވެސް އަފީފް އެއްސެވިއެވެ.

އަފީފްގެ ވާހަކަތަކާއި ގުޅިގެން ޝިފާއު ވިދާޅުވީ މަޖިލީހުގެ ގަވާއިދަކީ ވަކި ބަޔަކު އެކަނި އަމަލުކުރަންޖެހޭ ގަވާއިދެއް ނޫންކަމަށާއި އެއީ އެންމެން އަމަލުކުރަންޖެހޭ އެއްޗެއްކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސަށް ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުުުޒުރުވެރިވާ ހާލަތުގައި އެކަންކުރާނެ 5 ބޭފުޅުން ކަނޑައެޅުމުގެ ފުރުސަތުދެއެވެ. އަދި އެގޮތަށް ކަނޑައަޅާ 5 ބޭފުޅުންނަކީ މެދުނުކެނޑި މަޖިލީހުގައި އެންމެ ގިނަ ދުވަސްވެފައިވާ ބޭފުޅުންނަށް ވާންޖެހެއެވެ. މިގޮތުން ބޭފުޅުންތަކެެއް ކަނޑައަޅާފައިވާއިރު މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ރިޔާސަތުގައި ނީންނަވާ ހާލަތުގައި މިހާރު އާއްމުގޮތެއްގައި އިންނަވަނީ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.



ކިޔުންތެރިންގެ ހިޔާލު