ޑިމޮކްރަސީގެ ބަފައިކަމުގައި ދައުވާ ކުރާ ފަރާތްތަކުގެ އަމަލުތައް ހުރިގޮތުން ގައުމުގެ މުސްތަގުބަލަށް ވެގެންދާނެ ގޮތަކާމެދު ކަންބޮޑުވެ ވަޑައިގަންނަވާކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހޯމަ ދުވަހު ކުރިއަށްދިޔަ ބަހުސެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލުމަށް ބައެއް ފަރާތްތަކުން ދަނީ މީޑިއާގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންކަމަށެވެ. އަދި އެގޮތަށް ދޮގު ފަތުރަމުންދަނީ ރައްޔިތުންނަށް ހަގީގަތް ނޭނގޭ ވަރަށްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސިޔާސީ ބޭނުންތަކަށް މީޑިއާގެ ބޭނުންކޮށްގެން ދޮގު ހަދަންޏާ ޑިމޮކްރަސީއެއް ނޯންނާނެކަމަށެވެ. އަދި މިނިވަން އިންތިހާބެއްގައި ވޯޓްް ލެވޭނީ ރައްޔިތުންނަށް ތެދު މައުލޫމާތު ލިބިގެންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ތެދު މައުލޫމާތު ނުލިބި، ސައްހަ ނޫން މައުލޫމާތު ގިނަވެއްޖެނަމަ އެތަނެއްގައި ސުލްހަމަލަސްކަން ނެތިގެންދާނެ. ހެޔޮ ވެރިކަމެއް ގާއިމްކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދަރިންގެދަރިންނަށް ރަނގަޅު މުސްތަގްބަލެއް ހޯދަން މަސައްކަތް ކުރާއިރު ޑިމޮކްރަސީގެ ބަފައިކަމުގެ ދައުވާ ކުރާ ފަރާތްތަކުގެ އަމަލުތައް ހުރިގޮތުން މި ގައުމުގެ މުސްތަގުބަލަށް ވެގެންދާނެ ގޮތަކާއި މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިކަހަލަ މާހައުލެއްގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަކީ އުނދަގޫކަމެއްކަމަށާއި މިނިވަން އިންތިހާބެއް ބާއްވަން ބޭނުންވާނަމަ ތެދު މައުލޫމާތު ފެތުރުމުގެ ވަސީލަތްތައް އޮންނަންވާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު