ކުރިއަށް އޮތް ރިޔާސީ ރޭހަށް ނިކުމެވަޑައިގެން އުޅުއްވާ ބޭފުޅުންގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމުގެ ވިސްނުންތެރިކަން ހުރި ހަމައެކަނި ރިޔާސީ ކެނޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހިމްކަމަށް ކުރީގެ ސްޓޭޓް މިނިސްޓަރ ހަސަން މުޣްނީ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން މިރޭ ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުޣްނީ ވިދާޅުވީ އައު ސަރުކާރަކާއެކު ކަންތައްތަކަކަށް ރައްޔިތުން އުއްމީދުކުރިނަމަވެސް، ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ވެފައިނުވާކަމަށެވެ. އަދި މިއަދުވެސް މިތިބީ ކުރިން ތިބި ހާލަތުގައިކަމަށްވެސް މުޣްނީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފެށި ދުވަހު ތިބި ހާލަތުގައި މިއަދުވެސް މިތިބީ." ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމު މި ސަރުކާރުގައި އަދާކުރައްވާފައިވާ މުޣްނީ ވިދާޅުވިއެވެ.

މުޣްނީ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތެރިވާ ބޭފުޅަކުު ވެރިކަމަށް ގެނައުމާއިމެދު ބައެއް ބޭފުޅުން ސުވާލު އުފައްދަވަމުން ގެންދަވާކަމަށެވެ. މުޣްނީ ވިދާޅުވީ އެ ސުވާލުތަކުގެ ޖަވާބު ފަސޭހަކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ރިސޯޓްތައް ހިންގަވާ ބޭފުޅަކު ވެރިކަމަށް ވަޑައިގަތީމަ ކަންތައްތައް އިތުރަށް ރަނގަލޭ ވާނީ." މުޣްނީ ވިދާޅުވިއެވެ.

މުޣްނީ ވިދާޅުވީ ގާސިމަކީ ރާއްޖޭގެ އިޤްތިޞާދު އެ ސިނާއަތަކަށް ބަރޯސާވާ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއްކަމަށެވެ. އަދި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އިތުރު ހަރުފަތަކަށް ގެންދޭވެނެފަދަ ބޭފުޅަކު ގާސިމް ފިޔަވައި ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުޣްނީ ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ނުހެދި އޮތް ސަތޭކައަށްވުރެ ގިނަ ރަށް އޮތުމާއި ފަންނީ މީހުން ނުލިބޭ މައްސަލަތަކަށް ހައްލު ގެނެވޭނީ ގާސިމް އިބްރާހިމްގެ ސަރުކާރެއްގައިކަމަށެވެ. އަދި ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް އިންވެސްޓްމަންޓްތައް ހޯދާނެ ގޮތްތައްވެސް ދެނެވަޑައިގަންނަވާނެ ހަމައެކަނި ލީޑަރަކީވެސް ގާސިމްކަން މުޣްނީ ފާހަގަކުރެއްވިއެވެ.

މުޣްނީ ވިދާޅުވީ ރާއްޖޭގައި މިވަގުތު ހުރި މައްސަލަތަކަށް ޖުމްލަ ގޮތެއްގައި ހައްލުކޮށްދެވޭނެ ވިސްނުންތެރިކަމާއި ތަޖުރިބާ ލިބިވަޑަައިގެންފައިވަނީވެސް ގާސިމް އިބްރާހީމަށްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު