ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ 3 ކޮއްކޯފުޅު އިމާމް ކަމުގެ ޑިގްރީ ޙާޞިލުކުރައްވައިގެން ހޯއްދެވި ކާމިޔާބީއަށް ކުރީގެ އިސްލާމިކް މިނިސްްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ތައުރީފްކުރައްވައިފިއެވެ.

ރައީސް ޞާލިޙްގެ ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމްގެ ދަށުން މިތިން ބޭފުޅުން ދަސްވެނިވެފައި ވަނީ އިސްލާމިކް ޔުނިވަރސިޓީން ބްލޮކް މޯޑުގައި އިމާމު ޑިގްރީ ކޯސް ފުރިހަމަ ކުރަށްވައިގެންނެވެ.

އެ ތިން ބޭފުޅުންނަކީ ރައީސްގެ އެއްބަނޑު އެއްބަފާ ތިން ކޮއްކޮއިން ކަމަށްވާ މޫސާ މުހައްމަދު ޞާލިޙް (މޫސަބެ) އާއި ޝާޒްލީ މުޙައްމަދާއި ހުސައިން ޝަޔާޒެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ‏ލޯފަން ޙާލުގައި ހިތްމަތާއެކު މަސައްކަތްކޮށް، އިމާމް ޑިގްރީ ޙާޞިލުކުރެއްވި އެބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާކަމަށެވެ.

"‏ތިޔަ އުފެއްލެވި ތަކުލީފާއި ބުރަ އިޙުސާސްކުރެވޭ. ތިޔަ ބޭފުޅުން ދެއްކެވި ނަމޫނާއަކީ ތިފަދަ ޚާއްޞަ ޙާލެއްގައިވާ ކޮންމެ އަޚަކާއި އުޚުތަކަށް ވަރަށް ބޮޑު ހިތްވަރަކަށްވާނެ ނަމޫނާއެއް. އިތުރުކުރިއެރުމާއި ކާމިޔާބަށް އެދެން." ޝަހީމް ވިދާޅުވެފައިވެއެވެ.

އިމާމުކަމުގެ ޑިގްރީ ހާސިލުކުރެއްވި 3 ބޭފުޅުންނަށްވެސް އެކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަތްޕުޅުންނެވެ.

ރައީސްގެ އެއްބަނޑު އެއްބަފާ ތިން ކޮއްކޮއިން ކަމަށްވާ މޫސާ މުހައްމަދު ޞާލިޙް (މޫސަބެ) އާއި ޝާޒްލީ މުޙައްމަދާއި ހުސައިން ޝަޔާޒަކީ ކީރިތި ޤުރުއާން ހިތުދަސް ޙާފިޒުންނެވެ. މި ތިން ބޭފުޅުންނަކީ އުފަންވިއިރު ލޮލުގެ ފެނުން ރަނގަޅު ތިން ބޭފުޅުންނެވެ. ލޮލުގެ ފެނުން ގެއްލިގެން ދިޔައީ އުމުރުގެ ވަކި ހިސާބަކަށް ދިޔަ ފަހުންނެވެ.

ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން 2020 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން ވަނީ އައިޔޫއެމާ ގުޅިގެން އިމާމު ޑިގްރީ ކޯސް ފަށައިފައެވެ.

މި ތިން ބޭފުޅުންނާއެކު އިތުރު 78 ބޭފުޅަކު ވަނީ އިމާމް ޑިގްރީ ފުރިހަމަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު