މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލުމުގެ މަސައްކަތް މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މުރާޖާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މަޑުޖައްސާލުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެމްއާރުއެމުން ވަނީ ސިޔާސީ ހަރަކާތް ހިންގުން އެޕާޓީއަށް މަނާކުރި އެންގުންވެސް ބާތިލްކުރުމަށް އެދިފައެވެ.

އެމްއާރުއެމުން ކޯޓުގައި ބުނީ އެޕާޓީ އުވާލަން އީސީން ނިންމީ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށްފައި ވަނިކޮށްކަމަށެވެ. އަދި އެމައްސަލައިގައި ދާއިމީ ހައްލެއް ހޯދަން ސިވިލް ކޯޓަށް ހުށަހަޅާނެކަމަށްވެސް އެމްއާރުއެމުން ބުންޏެވެ.

އެމްއާރުއެމުން އެދުނު ގޮތަށް އިލެކްޝަންސްގެ ނިންމުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރު ނެރުނަސް، އެ އަމުރު ނެރުނީ 30 ދުވަހުގެ މުއްދަތަށެވެ. އަދި 30 ދުވަހުގެ މުއްދަތުގެ ތެރޭގައި މައްސަލަ ކޯޓަށް ހުށަނާޅައިފިނަމަ ވަގުތީ އަމުރު ބާތިލުވާނެކަމަށްވެސް ސިވިލް ކޯޓްގެ އަމުރުގައިވެއެވެ.

މި މައްސަލައާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލުމަށް ނިންމި ނިންމުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު