ޑިމޮކްރަސީގެ އަސާސަކީ ރައީސުންނަށް ހުތުރު ނަމުން ގޮވާ، އިންތިހާބުން ބަލިވީމާ ބަލި ގަބޫލުނުކޮށް ޖަދަލު ކުރުމެއް ނޫން ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ކުރީގެ ނާއިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވިދާޅުވެއްޖެއެވެ.

ޝުއައިބު މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ރައީސުންނާއި ދިމާލަށް ހުތުރުނަމުން ގޮވުން މަނާކުރުމަކީ ޑިކޮމްކްރަސީއަށް އެޅޭ ހުރަހެއްކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެފަދަ ނަންތަކުން މުހާތަބު ކުރެއްވުމާއި ގުޅިގެންނެވެ. ޝުއައިބުއަކީ ރައީސް ނަޝީދާއި ދެބަސްވުމުގެ ސަބަބުން އެމްޑިޕީން ބޭރުކޮށްލި އެ ޕާޓީގެ ގިނަ ދުވަސްވީ މެންބަރުންގެ ތެރެއިން މެންބަރެކެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ޓެގްކުރައްވާ ޝުއައިބު ކުރެއްވި ޓްވީޓުގައި ވިދާޅުވީ "ގޮޅާބޯ" ކިޔައިގެން ވެރިކަމަށް ލޮޅުން އަރުވާލެވުނު ޒަމާން މާޒީވެއްޖެ ކަމަށެވެ. ރައީސް ނަޝީދާއި ރައީސް މައުމޫނުގެ ޒަމާންވެސް މާޒީވެއްޖެ ކަމަށާއި، ޑިމޮކްރަސީގެ އަސާސަކީ ރައީސުންނަށް ހުތުރު ނަމުން ނަންދިނުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެއީ "އިންތިޚާބުތަކުން ބަލިވުމުން ބަލިޤަބޫލު ނުކޮށް ޖަދަލު ކުރުމެއްވެސްނޫން" ކަމަށް ޝުއައިބު ވިދާޅުވިއެވެ.

ވެރިންނާ ދިމާލަށް ވަގަށް ގޮވުމާއި ގޮޅާބޯ، ގަންޖާބޯ ފަދަ މަލާމާތާއި ހުތުރު ނަންނަމުން މުހާތަބުކުރުން ހުއްޓުވަމީ، ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ނަޝީދު ވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައެވެ.

"ކުރީގެ ރައީސް އިބްރާހިމް ނާސިރަށް ކަރުކުރު ބައިސާ، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ގޮޅާބޯ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގަންޖާބޯ، ކުރީގެ ރައީސް ވަހީދަށް ބާގީ ވަހީދު، ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް ރާގޮނޑި ރާޖާ، މިނަންތައް އަޅުގަނޑުމެން ވަނީ މި މަޖިލީހުގައާއި އަދި އެހެންތަންތާނގައި އެކި ގޮތްގޮތަށް ކިޔައިފަ، މިއަދު ޗޯރު އިބުރޭ ކީމާ އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެން ދާ މިންވަރަށް ކަންބޮޑުވުން އިތުރުކޮށްފިނަމަ އެއީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެކޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއީ ޑިމޮކްރަސީގެ އަސާސްކަމަށް ދެކި އެފަދަ ވާހަކަ ރައީސް ނަޝީދު ދައްކަވަމުން ގެންދަވާތީ ފުންނާބު އުސް ސިޔާސީ ފަރާތްތަކާއި އާންމުން އަންނަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު