ތުރުކީގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އެ ޤައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ހޯއްދެވި ކާމިޔާބީއަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މަރުހަބާ ދަންނަވައިފިއެވެ.

އުރްދުޣާނަށް މަރުހަބާ ދަންނަވައި ގާސިމް ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ އުރުދުޣާން ހޯއްދެވި ބޮޑު ކާމިޔާބީއަށް ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ނަމުގައާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މަރުހަބާ ދަންނަވާކަމަށެވެ. އަދި އެމަނިކުފާނުގެ އެދިވަޑައިގެންނެވުމަކީ ތަރައްޤީއާއި ފާގަތިކަމުގައި ތުރުކީ ވިލާތް ކުރިއަށްދިއުންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.



ތުރުކީވިލާތުގެ ރައީސް އަދި މުސްލިމު ވަރުގަދަ ޝަހުސިއްޔަތެއްކަމަށްވާ އުރުދުޣާން ރިޔާސީ އައު ދައުރަކަށް އިންތިހާބުވެވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވައިގެންނެވެ.

މޭ 14 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ މަތިން ވޯޓު ލިބިފައެއް ނުވެއެވެ. އެހެންކަމުން ދެވަނަ ބުރުގައި ވާދަކުރެއްވީ އެންމެ ގިނައިން ވޯޓް ލިބުނު ދެ ކެންޑިޑޭޓުންނެވެ.

ދެވަނަ ބުރުގައި އުރުދުޣާނާ ވާދަކުރައްވާފައި ވަނީ އިދިކޮޅު 6 ޕާޓީއެއް ހިމެނޭ ކޯލިޝަންގެ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީ.އެޗް.ޕީ)ގެ ކެނޑިޑޭޓު ކެމާލް ކްލިޗްތަރޯލޯއެވެ.



ކިޔުންތެރިންގެ ހިޔާލު