ނައީމާ މޫސާގެ މަރުގެ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅުންހުރި 2 މީހަކު މިމަހުގެ 26 ވަނަ ދުވަހު ވެސް ވަނީ ހައްޔަރުކޮށްފައިވެއެވެ.

ފުލުހުން ބުނީ ނައީމާގެ މަރުގެ މައްސަލައިގައި 3 ވަނަ މީހެއްގެ ގޮތުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ ދެވަނަ މީހާ ހައްޔަރުކޮށް، ހާދިސާއާ ގުޅޭ ބައެއް ހެކިތައް ފުލުހުން ހޯދީ، އޭނާ ކުށަށް އިއުތިރާފުވެ، ދިން މައުލޫމާތުތަކަށް ބަލައިގެންނެވެ.

ނައީމާ މަރާލާފަައި އޮއްވާ ފެނިފައިވަނީ އޭޕްރީލްމަހުގެ 07 ވަނަ ދުވަހު އިރުއޮއްސުނު ވަގުތު އޭނާގެ ޚަބަރެއް ނުވެގެން އޭނާ ދިރިއުޅެމުންދިޔަ ގޭގެ ދޮރު ހަލާކުކޮށްލުމަށް ފަހު ފުލުހުން ވަދެ ބެލުމުންނެވެ. ނައީމާ ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ތަޅުންގަނޑު މަތީގައި އަނިޔާ ތަކަކާއެކު މަރުވެފައި އޮއްވައެވެ.

ނައީމާ މޫސާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މި މައްސަލައިގެ ތަހުގީގު ކުރިޔަށްގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު