ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.

ގާނޫނުގައި ބުނާ އަދަދަށް 3000 މެމްބަރުން ނެތިގެން ނޯޓިސް ދިނުމަށްފަހު އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަ ބުދަދުވަހުއެވެ. އަދި އިލެކްޝަނުން ވަނީ އެމްއާރްއެމްގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގުންވެސް މަނާކޮށްފައެވެ.

ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މަޑުޖައްސާލުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެމްއާރުއެމުން ވަނީ ސިޔާސީ ހަރަކާތް ހިންގުން އެޕާޓީއަށް މަނާކުރި އެންގުންވެސް ބާތިލްކުރުމަށް އެދިފައެވެ.

އެމްއާރުއެމުން ކޯޓުގައި ބުނީ އެޕާޓީ އުވާލަން އީސީން ނިންމީ ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށްފައިވަނިކޮށްކަމަށެވެ. އަދި އެމައްސަލައިގައި ދާއިމީ ހައްލެއް ހޯދަން ކުރިއަށް އޮތް އެއް މަސްދުވަހުގެ ސިވިލް ކޯޓަށް ހުށަހަޅާނެކަމަށްވެސް އެމްއާރުއެމުން ބުންޏެވެ.

އެމްއާރުއެމުން އެދުނު ގޮތަށް އިލެކްޝަންސްގެ ނިންމުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރު ނެރުނަސް، އެ އަމުރު ނެރުނީ 30 ދުވަހުގެ މުއްދަތަށެވެ. އަދި 30 ދުވަހުގެ މުއްދަތުގެ ތެރޭގައި މައްސަލަ ކޯޓަށް ހުށަނާޅައިފިނަމަ ވަގުތީ އަމުރު ބާތިލުވާނެކަމަށްވެސް ސިވިލް ކޯޓްގެ އަމުރުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު