ދަރުމަވަންތަ ހޮޮސްޕިޓަލް؛ ކޯވިޑްގެ ހާލު ބޮޑު ބަލި މީހުންނަށް ފަރުވާދެނީ ޑީއެޗް 11 ގައި
ދަރުމަވަންތަ ހޮޮސްޕިޓަލް؛ ކޯވިޑްގެ ހާލު ބޮޑު ބަލި މީހުންނަށް ފަރުވާދެނީ ޑީއެޗް 11 ގައި
ކޯވިޑް-19 ގެ ބަލިމީހުންނަށް ފަރުވާދޭ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެއްސަކު މިއަދު ނިޔާވެ ރާއްޖެއިން ބަލީގައި މަރުވި މީހުންގެ އަދަދު 12 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެ ޑީއެޗް 11 ގައި ފަރުވާ ދެމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ފަތިހު 4:35 ގައި ނިޔާވެފައިވާ ކަމަށެވެ.

ދާދިފަހުން އައިޖީއެމްޗްގައި ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ދެވަނަ އޮޕަރޭޝަނަށް ތައްޔާރުވެފައި ވަނިކޮށް މަރުވި ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވިކަން އެނގުނު އިރު އޭނާއާއި ކޮންޓެކްޓް ވި އައިޖީއެމްއެޗްގެ ބައެއް މުވައްޒަފުންނާއި އައިސީޔޫގައި ފަރުވާ ހޯދަމުން ދިޔަ ބަޔަކާއި ބަލިމީހުންނަށް ޒިޔާރަތް ކުރި މީހަކު ވެސް ވަނީ ޕޮޒިޓިވް ވެފައެވެ. މި ކޭސްއާއި ގުޅުންހުރި މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ކޭސްއާ ގުޅިގެން 6 މުވައްޒަފުންނާއި 7 ބަލިމީހުންގެ އިތުރުން ދެ އެހީތެރިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައި ވެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ސްޕޯކްސްޕާސަން ޑރ. ފާތުމަތު ނަޒްލާ ރަފީޤް ވިދާޅުވީ އާދިއްތަ ދުވަހު ލިބުނު ނަތީޖާތަކުން އައިޖީއެމްއެޗްގެ އިތުރު 2 މުވައްޒަފުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލެވުނު 2 ބަލި މީހުން ވެސް ޕޮޒިޓިވްވެފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ކޮންޓެކްޓް ޓްރޭސިންނާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

އައިޖީއެމްއެޗް ކޭސްއާއި ގުޅިފައިވާ ފޮޒިޓިވް ވި އެކަކީ ހުޅުމާލެ ފިޔަވަތީގައި މަސައްކަތް ކުރާ، ކުދިން ބަލައްޓާ މީހެއް ކަމަށާއި މި މީހާއަކީ އައިޖީއެމްއެޗްގައި އޮތް ބަލި މީހަކާއި އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް ވެސް ޑރ. ނަޒުލާ ވިދާޅުވެފައި ވެއެވެ.

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި"ގައި މަސައްކަތްކުރާ މި މީހާ ޕޮޒިޓިވްވުމާ ގުޅިގެން ފިޔަވަތީގެ 11 މުވައްޒަފުންނާއި 21 ކުދިން ކަރަންޓީންގައި ތިބި ކަމަށާއި މިވަގުތު އެ ހުރިހާ އެންމެން ވެސް ކަރަންޓީން ކުރެވިފައިވަނީ ފިޔަވަތީގައި ވަކި ކޮޓަރިތަކެއްގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ކަރަންޓީން ކުރެވިފައިވާ ކުދިންގެ އުމުރަކީ 6 އަހަރާއި 11 އަހަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން