ހަފްތާ ބަންދުގައި ހޯމްވޯކް ހަދަން ދިނުމާއި ދެކޮޅަށް ގާނޫނެއް އެކުލަވާލުމަށް، ފިލިޕީންސުގެ ގާނޫނުހަދާ މަޖިލިސް މެމްބަރަކު ހުށައަޅައިފިއެވެ.

މިފަދަ ހުށައެޅުމެއް ހުށައަޅާފައިވަނީ ފިލިޕީންސްގެ ޓޫޓޮކް ޓު ވިން ޕާޓީ-ލިސްޓުގެ މެމްބަރު ސޭމް ވަރސޯޒާއެވެ. އޭނާ ހުށަހެޅުއްވީ އެލިމެންޓަރީ އަދި ހައި ސްކޫލްގެ ދަރިވަރުންނަށް ހަފްތާ ބަންދުގައި ޓީޗަރުން ހޯމްވޯކް ދިނުން މަނާކުރުމަށެވެ.

އޭނާ ވިދާޅުވީ ހަފްތާ ތެރޭގައި ސްކޫލްތަކުގެ ދަރިވަރުން 10 ގަޑިއިރަށްވުރެ ގިނަވަގުތު ސްކޫލްގައި ހޭދަކޮށް އަދި ސްކޫލް ވަގުތު ނިންމުމަށްފަހު، ސްކޫލްގެ އިތުރު ހަރަކާތްތަކާއި، ހޯމްވޯކް ހެދުމުގައިވެސް ގިނަ ވަގުތު ހޭދާކުރާކަމަށެވެ. އެހެން ކަމުން ހަފްތާ ބަންދު ވާން ޖެހޭނީ ހޯމްވޯކް ހެދުމުގެ ބަދަލުގައި ހަށިގަނޑާއި ސިކުނޑި އަރާމުކުރަންޖެހޭނެ ވަގުތަކަށްކަމަށް މެމްބަރު ސޭމް ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި 2010 ވަނަ އަހަރު ފިލިޕީންސުގެ ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަނުން ނެރުނު މެމޮރެންޑަމް ސާކިއުލާއެއްގައި ހަފްތާ ބަންދު ނޫން ދުވަސްދުވަހު މާގިނަ ހޯމް ވޯކް ނުދިނުމަށް ސަރުކާރު ސްކޫލްތަކަށް ވަނީ އަންގާފައެވެ. އެ ސާކިއުލާގައި ހަފްތާ ބަންދާ ދިމާކޮށް ދަރިވަރުންނަށް ހޯމްވޯކް ނުދިނުމަށްވެސް ޓީޗަރުންނަށް ލަފާ ދީފައިވެއެވެ.

މެމްބަރު ސޭމް ހުށަހަޅާފައިވާ ބިލުން ހޯމްވޯކް ދިނުމާއި ބެހޭގޮތުން 2010 ވަނަ އަހަރު އާންމުކޮށްފައިވާ ސަރކިއުލަރ އާއި އެއްގޮތަށް ގާނޫނަކަށް ބަދަލުކޮށް ފިލިޕީންސްގެ ހުރިހާ އެލިމެންޓަރީ އަދި ހައި ސްކޫލްތަކުން މި އުސޫލަށް ތަބާވުމަށް މަޖުބޫރު ވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން