ފުލުހުން މިއަދުގެ ބައްދަލުވުމުގައި
ފުލުހުން މިއަދުގެ ބައްދަލުވުމުގައި
އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް ފުލުހުން އިތުރަށް ސަމާލުކަން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ފުލުހުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް ޝަރީއަތްތައް ހަލުއިކޮށް އަވަހަށް އިންސާފުު ގާއިމްކުރެވެންޖެހޭ ކަމަށެވެ. މި ސަރުކާރުން މަސައްކަތްކުރަމުން މި އަންނަނީ އިޖުތިމާއީ އެފަދަ މައްސަލަަތައް ހައްލުކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ފުލުހުންނަކީ ގާނޫނު ތަންފީޒުކުރުމުގައި އެންމެ މުހިއްމު ރޯލް އަދާކުރާ އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާއަށް ވުމުން މި މައްސަލަތައް ހައްލުކުރުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

"އެކަން ކާމިޔާބުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަމަށް ގަބޫލުކުރަން. އަދި ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަސީލަތްތަކާއި ތައުލީމާއި ތަމްރީން ވެސް އިތުރަށް ހޯދައިދޭން އެބަޖެހޭ." އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19 އާ އެކު ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއެކު އަތްމަތި ދަތިވެ ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު އިޖުތިމާއީ ގިނަ މައްސަލަތަކެއް ވެސް ފެންމަތިވަމުންދާ ކަމަށާއި އެފަދަ ގިނަ މައްސަލަތަކަކީ އެތައް ޒަމާނެއް ވަންދެން މާ ބޮޑު ސަމާލުކަމެއް ނުދީ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ތިލަވަމުންދާ މައްސަލަތައް ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަކަމުގައި ވިއަސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ގެވެށި އަނިޔާ އާއިި މަސްތުވާތަކެތީގެ މައްސަލަތައް ކަމުގައި ވިއަސް މިއީ ހައްލުނުކުރެވި މުޖުތަމައުގައި ހުރި މައްސަލަތައް." ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވިއެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަށް އިތުރަށް ފުލުހުން ސަމާލުކަން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވިދާޅުވެފައިވާއިރު އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަށް މިދުވަސްވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް އާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނަ އޮފިސަރުން ބައިވެރިވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން