އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި ފުރައްސާރައިން އެމީހުން ރައްކާތެރިކޮށް ހިމާޔަތް ކުރުމުގައި ދައުލަތުގެ ނިޒާމު ފެއިލްވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި ނިޒާމު ރިފޯމް ކުރަންޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްދަދު ދީދީ ވިދާޅުވެެއްޖެ އެވެ.

ދާދިފަހުން ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގެ ފަހުން ރޭޕާއި ޖިންސީ އަނިޔާއި ދެކޮޅަށް މާލެ ސިޓީގައި ސިލްސިލާ މުޒާހަރާތަކެއް ވަނީ ފަށާފައެވެ. ސަފާރީ ރޭޕް ކޭސް އަށްފަހު ޖިންސީ ގޯނާ އާއި ފުރައްސާރައިގެ އެތައް ކޭސްތަކެއް ފެންމަތިވެ ޖިންސީ ގޯނާއާއި ރޭޕްގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެދި އެ މުޒާހަރާގައި ގިނަ ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ. އެކަންކަމާ ގުޅިގެން މިނިސްޓަރު އާއިޝަތު މުހަންމަދު ދީދީ ފޭސްބުކްގައި ކުރެެއްވި ޕޯސްޓެެއްގައި ވިދާޅުވީ، މި މުޒާހަރާތަކުގެ ބައިވެރިންގެ އަޑު އެކަމަނާއަށް އިވޭ ކަމަށާއި އެކަމަނާ ހުންނެވީ އެމީހުންނާ އެކުގައި ކަމަށެވެ.

"ކަންބޮޑުވުންތައް ހިއްސާ ކުރަން، އަޅުގަނޑު މިހުރީ ތިޔަ ބޭފުޅުންނާ އެކުގަ." ޖެންޑާ މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު އޮތް ނިޒާމް ފެއިލްްވެފައި އޮންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެ ނިޒާމުގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން ރައްކާތެރިކުރުމަށް ނުކުޅެދިފައިވާކަންވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ނިޒާމް އިސްލާހްކުރަން ޖެހޭ އެކަން އަދި އަވަސް ކުރަން ޖެހޭ. އެގޮތުން ސޯޝަލް ރިފޯމާއި ތަހުގީގުކުރާގޮތާއި ދައުވާކުރާގޮތާއި އަދި އޭގެ ތެރޭގައި ހިމެނޭ ހުރިހާ މަރުހަލާތަކެއް އިސްލާހްކުރަން ޖެހޭ." މިނިސްޓަރު އާއިޝަތު މުހަންމަދު ދީދީ ވިދާޅުވިއެވެ.

މި ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ދާދި ފަހުން ސަފާރީއެއްގައި ހިނގި ޖިންސީ ގޯނާ ނުވަތަ ރޭޕްގެ މައްސަލައާއި ދެ ރަށެއްގައި 18 އަހަރު ނުފުރޭ ދެ ކުދިން ރޭޕްކޮށް ބަލިވެ ބެއިންދި ހާދިސާ ފާހަގަކޮށްލެވެއެވެ.

ރޭޕާއި ޖިންސީ ގޯނާ ފަދަ މައްސަލަތައް މުޖުތަމަޢުގައި ހިނގުން ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ގޮތުން މިމަހުގެ 15 ހިސާބުގައި ކެމްޕޭނެއް ފަށަން ނިންމާފައިވާ ކަން މިނިސްޓަރު ވަނީ ދާދި ފަހުން އިޢުލާން ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު