ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
ރައީސް އިބްރާހިމް މުހަންމަދު ސޯލިހް
ސަރުކާރުގެ އިދާރާ ތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ރަސްމީކޮށް ހުޅުވަން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ނިއްމަވައި ޚަރަދުތައް ކުޑަކޮށް ޕޭޕަލެސްކޮށް ވީހާވެސް ގިނަ ޚިދުމަތްތައް އޮންލައިންކޮށް ދިނުމަށް އަންގަވައިފިއެވެ. .

ކުރިއެކޭ އެއްގޮތަށް ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށް ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެ އެވެ. އޮފީސްތައް ހުޅުވާ އިރު ކޮވިޑުން ރައްކާތެރި ވުމަށް އަމަލުކުރާނެ ހާއްސަ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން ދޭންޖެހޭ ޚިދުމަތްތަކާއި، ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހަމަޖެއްސުމާގުޅިގެން، އިދާރާތަކުން ޢަމަލު ކުރައްވާނެ އުސޫލުވެސް މިއަދު އާންމުކޮށްފައިވާ ކަމަށެވެ. މިގޮތުން، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް އައު އާންމު ހާލަތު ނުވަތަ ނިއު ނޯމަލްގެ ހާލަތުގައި ސަރުކާރުގެ އިދާރާތައް ހިންގެވުމާއި، އިދާރާތަކުގައި މަސައްކަތްކުރުމުގައި ޞިއްޙީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ. އަދި މި ހާލަތުގައި މުވައްޒަފުން ޢަމަލުކުރަންޖެހޭގޮތާ ބެހޭ ގޮތުންނާއި، މަސައްކަތުގެ މާހައުލުގެ ސާފުތާހިރުކަމުގެ އިރުޝާދުތަކާއި، އިޖުތިމާޢީ ގައިދުރުކަމުގެ އިރުޝާދުތަކާ ބެހޭ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލައި އާންމުކޮށްފައިވާ އެ ކޮމިޝަނުގެ ސަރކިއުލަރގައި ހިމަނާފައިވާ ކަންކަން ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރުމަށް ރައީސް އޮފީސްތަކަށް އަންގަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.

މީގެ އިތުރުން، ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީ ގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމާއި، ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00 ގެ ފަހުން އޮފީސް ހުޅުވައިގެން މަސައްކަތް ނުކުރުމަށް ވެސް ރައީސް ވަނީ އަންގަވާފައެވެ. އަދި ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ނުރަސްމީގަޑީގައި އިދާރާ ހުޅުވާފައި ބަހައްޓަންޖެހޭ ހާލަތްތަކުގައިވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވާފައި ނުބެހެއްޓުމަށް އޮފީސްތަކަށް ވަނީ އަންގަވާފައެވެ.

ހަމައެއާއެކު، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވަން ފެށްޓެވި ޚިދުމަތްތައް އެ ގޮތުގެ މަތިން ދެއްވަމުން ގެންދެވުމަށާއި، އޮންލައިންކޮށް ދެވެން ހުރި އިތުރު ޚިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިއުމަށާއި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކުގެ ތެރެއިން، އޮންލައިންކޮށް ކުރެވެން ހުންނަ މަސައްކަތްތައް އޮންލައިންކޮށް ކުރާނެ އިންތިޒާމު ހަމަޖައްސަވައި، އޮންލައިންކޮށް މަސައްކަތް ކުރުމަކީ އާންމު އުސޫލެއް ކަމުގައި ހެއްދުމަށްވެސް ރައީސް ވަނީ އަންގަވާފައެވެ.

އަދި އޮފީހުންކުރާ ކަރުދާހުގެ ޚަރަދާއި، ޕްރިންޓްކުރުމުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތްކުރެވޭނެ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒުކުރުވައިގެންނާއި، ލިޔެކިޔުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށްގެން "ޕޭޕަރލެސް" މަސައްކަތު މާޙައުލެއް އޮފީހުގައި ޤާއިމުކުރުމަށް ވެސް އޮފީސްތަކަށް ރައީސް އަންގަވާފައިވެއެވެ. މިކަންކަމުގެ އިތުރަށް، ކޮވިޑް-19 އާ ގުޅިގެން، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށާފައިވާތީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، އޮފީސްތަކުން ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކުރުމަށާއި، ޚަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށްވެސް ރައީސް ސޯލިހް ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން