ސައުދު ހުސައިން މަޖިލިސްގައި ވާހަކަ ދައްކަވަނީ
ސައުދު ހުސައިން މަޖިލިސްގައި ވާހަކަ ދައްކަވަނީ
އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެ ގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާއި އެކު ފަލަސްޠީންގެ ރައްޔިތުންނަށް ދެމުންގެންދާ އިންސާނިއްޔަތާ ހިލާފު އަމަލުތައް ކުށްވެރިކޮށް، އެ އަމަލުތައް ހުއްޓާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށައެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިނެވެ. މި ގަރާރުގައި ބުނީ 1967 ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ރާއްޖެއިން އަބަދުވެސް ގަބޫލު ކުރާ ކަމަށެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތައް ފޭރިގަނެ އެބިންތަކަށް ވެރިވުމަކީ ފަލަސްތީނާއި އިޒްރާއީލު ސުލްޙަވެ ވަކި ދެ ދައުލަތެއް ގާއިމްކުރުމަށް ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށާއި، އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތާއި ފަލަސްތީނުގެ ރައްޔިތުންނާއިމެދު ހިންގާ ލާއިންސާނީ ޢަމަލުތައް ހުއްޓުމެއްނެތް ގޮތުގައި ތަކުރާރުވަމުން ދިއުމަކީ އިންސާނީ ކަރާމަތާއި، އިންސާނީ ޝަރަފް ނަގާލުން ކަމަށް އެޤަރާރުގައި ބުނެފައި ވެއެވެ.

އަދި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ކަނޑައެޅިގެން ޚިލާފް އަމަލުތަކެއްކަމުން، އެޢަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލުމަކީ އިޒްރާއިލުގެ އަނިޔާވެރި އަމަލުތަށް ހުއްޓުވުމަށް ކުރެވޭނެ މަސައްކަތެއްކަމުގައިވެސް އެޤަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

މިއާއިއެކު ރާއްޖެއިން ބައިވެރިވެފައިވާ އެކުވެރި ދަޢުލަތްތަކުގެ ޖަމްޢިއްޔާ (އދ) ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް ބޯނުލަނބާ، އިޒްރާއީލް ޖަވާބުދާރީކުރުވަން ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލުމަކީވެސް މުޙިއްމު ކަމެއް ކަމުގައި މިޤަރާރުގައި ބުނެފައިވެއެވެ.

އިތުރަށް ގަރާރުގައި ބަޔާންކޮށްފައިވަނީ ދިވެހިރައްޔިތުންނަކީ އަބަދުވެސް ފަލަސްޠީންގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ލޯބިކުރާ އަދި އަޚްވަންތަ ކަމާއި އުޚުއްވަތްތެރިކަން ދެމެހެއްޓުމަށް ކެނޑިނޭޅި އެތަކެއް މަސައްކަތްތަކެއްކުރާ ބައެއް ކަމަށެވެ. އެހެންކަމުން މިފަދަ ހިތްދަތި ވަގުތެއްގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން ތިއްބެވީ ފަލަސްޠީންގެ އަނިޔާ ލިބެމުންދާ ރައްޔިތުންނާއި އެކުގައިކަން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލީހުން ހާމަކުރުމަކީ ފަލަސްޠީނުގެ ބިންތަށް ފޭރިގަތުން ހުއްޓުވުމާއި، ފަލަސްޠީނުގެ މިނިވަންކަމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ ހައްޤުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތްކުރަމުންދާ ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކަށް އިތުރު ކުރިއެރުމަކަށް ވެގެންދާނެކަމަށްވެސް މިޤަރާރުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން