މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ބައެއް މީހުން ބަލީގެ އަލާމާތްތައް ފެނުމުން ވެސް ދުވަސްތަކެއް ވަންދެން ވަޒީފާ އަށް ނުކުމެ، އަދި ގެއިން ބޭރަށް ނުކުމެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމުގައި އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ ބޭއްވި ބައްދަލުވުމެއްގައި ޑރ.ނަޒްލާ ވިދާޅުވީ ބަލި ޖެހުނު މީހުން އަލާމަތްތައް ފެންނަން ހުއްޓާ ވެސް ފްލޫ ކްލިނިކަކަށް ނުގޮސް ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

" ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ފުލޫ ކްލިނިކަށް ވަޑައިގެން ޓެސްޓް ކުރުމަކީ، ތިމާގެ ސަބަބުން ބަލި ފެތުރުން ކުޑަކުރުމަށް އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅު، އަދި ބަލީގެ ސަބަބުން ނުރައްކާތެރި ކަމެއް ކުރިމަތިވެދާނެ މީހެއްނަމަ އެމީހަކަށް އަވަސް ފަރުވާ ވެސް ލިބިގެންދާނެ ކަމެއް." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ގިނަ ބަޔަކު މިފަދަ ކަންކަން ތަކުރާރު ކުރާނަމަ އެކުގައި ވަޒީފާ އަދާކުރާ މީހުންނާއި، އާއިލާ މީހުން ވެސް ތިމާގެ ފަރާތުން ބައްޔަށް ހުށަހެޅިގެން ހިނގައިދާނެ ކަން ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ނަޒްލާ ވިދާޅުވީ، ކޮންމެ ހަފުތާ އަކު ކޭސް ފެންނަ އަދަދަށް ބަލާނަމަ މިދިޔަ ހަފުތާ (ބަލި ފެތުރުނުތާ 11 ވަނަ ހަފުތާ) އާއި އޭގެ ކުރީ ހަފުތާ އަށް ބަލާނަމަ ކޭސްތައް ފެނުނު މިންވަރު ތަންކޮޅެއް މަދުވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިއީ ކޮވިޑުން އެއްކޮށް ސަލާމަތްވީ ކަމަށް ދެކި ބަލީގެ ކުރިން އޮތް ދިރިއުޅުމަށް ދާންވީ ސަބަބެއް ނޫން ކަމަށާއި، ނުވެސް ދެވޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން މިހާރު ނިއުނޯމަލްގައި އަމަލުކުރުމަށް އެކުލަވާލައިފައިވާ ގައިޑްލައިން އާއި އެއްގޮތަށް އާންމު ރައްޔިތުންގެ އަމަލުތައް އަބަދުވެސް ބެހެއްޓުމަށް ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ކުޑަ ޕީކެއް އައިސް ދަށްވެފައި މިއޮތީ. ނިއު ނޯމަލްގައި އަމަލުކުރަން ޖެހޭ ކަންކަން ގިނަ މީހުންނަށް ދިގު މުއްދަތަކަށް ނުހިފެހެއްޓިއްޖިއްޔާ ހަމަ އަލުން ޕީކެއް އައުމުގެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން