އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށް އެޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީގެ އެންމެހައި މެންބަރުންނަށް ތަހުނިޔާ ފޮނުއްވައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި އެމްޑީޕީގެ 15 އަހަރުގެ ދިގު ޙަޔާތުގައި ދެ ފަހަރަށް ރާއްޖޭގެ ވެރިކަން ކުރެވިއްޖެކަން ފާހަގަ ކުރައްވާފައި ވެއެވެ. އަދި ހުރިހާ ސިޔާސީ ވާދަވެރިން ވެސް ރޫޅިފައިވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

"ﷲ އިރާދަފުޅުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް. އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީ އަށް." ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިއަދު ވަނީ ޕާޓީގެ މެންބަރުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތޚާބު ކާމިޔާބު ކުރީ އެމްޑީޕީ އިސްވެ އޮވެ އުފެއްދި ކޯލިޝަނުންނެވެ. އަދި އާގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލުން ރައްޔިތުން ވޯޓުލައިގެން އިންތިޚާބު ކުރި ފުރަތަމަ ރައީސަކީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެ ޕާޓީ އުފައްދައި ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވަނީ 26 ޖޫން 2005 ގަައި ސްރީލަންކާގައެވެ. މިހާރު ރާއްޖޭގައި އެންމެ މެންބަރުން ގިނަ ޕާޓީއަކީ ވެސް އެމްޑީޕީއެވެ.



ކިޔުންތެރިންގެ ހިޔާލު