ރާއްޖެއަށް އެހީދޭ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށާއި އެގައުމުތަކުން ރާއްޖެއަށް ލިބޭ ހިލޭ އެހީ އަންނަ އަހަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ބައިނަލްއަގުއާމީ އެހީދޭ އިދާާރާތަކާއި ރާއްޖޭގެ ބައިލެޓްރަލް ޕާޓްނާސް މެދުވެރިކޮށް އަންނަ އަހަރު ރާއްޖެއަށް ލިބޭ ހިލޭ އިތުރުވާނެ ކަމަށެވެ. އެގޮތުން ބައިނަލް އަގުއާމީ ބައިލެޓްރަލް ޕާޓްނާސް އާއި އެކު އޮންނަ ގުޅުމުގެ ސަބަބުން ރާއްޖެއަށް އެހީ ހޯދަން އިތުރަށް ފަސޭހަވެގެންދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

"ރައީސް ސޯލިހްގެ ޚާރިޖީ ސިޔާސަތުގެ ދަށުން ޚާއްސަ ގޮތެެއްގައި ބައިލެޓްރަލް ޕާޓްނާސްއާއެކު އަޅުގަނޑުމެންނަށް އެހީދޭ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެން ގޮސްފަައިވަނީ ފާއިތުވެގެން މިދިޔަ ހަތަރު ތެރޭގައި ވެސް، އެހެންވީމަ އެގައުމުތަކުން ކުރިއަށް މި އޮތް އަހަރުތެރޭގައި އަޅުގަނޑުމެންނަށް ލިބޭ އެހީ އިތުރުވެގެންދާނެ،" މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ މިދިޔަ ތިން އަހަރު ތެރޭގައި ދުނިޔޭގެ އިގްތިސާދަށް އެރި ލޮޅުމާއެކު ފައިސާ ދޭ ގައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކާއި މާލީ އިދާރާތަކަށް ފައިސާ ދޫކުރުމަށް ދަތިތަކެއް ދިމާވި ކަމަށެވެ. މިއުވާން ވިދާޅުވީ ރަޝިޔާ ޔޫކްރެއިން ހަނގުރާމަައިގެ ސަބަބުން އިގްތިސާދަށް އަައި ލޮޅުމުން އަރަަައިގަނެ މަޑުމަޑުން ކަންކަން ހަމަޔަކަށް އެޅެމުންދާ ކަމަށެވެ. އަދި ތެލުގެ އަގު ދަށައް ދާން ފެށުމުން އެހީދޭ ގައުމުތަކުން އެހީ ދިނުމުގައި ލުއިތަކެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިލޭ އެހީ އާއި އެެެހެނިހެން އެހީގެގޮތުގައި 2.48 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން