14 އަހަރަށްފަހު (އެފް ސީ) ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާކަން ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ތަރި، ޖެރާޑް ޕީކޭ އިއުލާންކޮށްފިއެވެ.

2008 ވަނަ އަހަރު ބާސެލޯނާއާ ގުޅުނު ޕީކޭ އެ ޓީމު ދޫކޮށްލަން ނިންމިކަން އިއުލާންކުރީ ސޯޝަލް މީޑިއާގައި މިއަދު އާއްމު ކުރި އަސަރުގަދަ މެސެޖަކާއެކުއެވެ.

ބާސެލޯނާ ދޫކޮށްލަން އެ ޓީމުގެ ވައިސް ކެޕްޓަނުންގެ ތެރޭގައި ހިމެނޭ އަދި އެ ޓީމުގެ އެންމެ ސީނިއަރ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ 35 އަހަރުގެ ޑިފެންޑަރެއްކަމަށްވާ ޕީކޭއަށް ފަހަކަށް އައިސް މާ ރަނގަޅު ކުޅުމެއް ނުދެއްކެއެވެ.

ޕީކޭގެ ވަދާއީ މެސެޖުގައި ބުނީ ފަހަކަށް އައިސް އޭނާއާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދައްކަމުންދާކަމަށެވެ. ނަމަވެސް މިހާތަނަށް އައިރުވެސް އެކަންކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވާނެ ކަމަށެވެ. އެކަމަކު މިއީ ވާހަކަ ދައްކަންޖެހޭ ވަގުތުކަމަށް ޕީކޭ ބުންޏެވެ.



ޕީކޭ ބުނީ އޭނާއަކީ އެންމެ ކުޑައިރުއްސުރެ ބާސެލޯނާގެ ދެކެ އިންތިހާއަށް ލޯބިވާ ސަޕޯޓަރެއްކަމަށެވެ. އަދި ބާސެލޯނާއަށް ކުޅެ، ކާމިޔާބިތައް ހޯދުމަކީ އޭނާ ދެކެމުން އައި ހުވަފެންކަމަށް ޕީކޭ ބުންޏެވެ.

ޕީކޭ ބުނީ މިހާހިސާބަށް އައިރު ބާސެލޯނާއާއެކު ހޯދޭނެ ހުރިހާ ކާމިޔާބީއެއް ހޯދިފައިވާ ކަމަށާއި އޭނާ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ހެދިއްޖެކަމަށް ގަބޫލުކުރާކަމަށެވެ. އަދި ހޮނިހިރު ދުވަހުގެރޭ ބާސެލޯނާ ލަލީގާގައި ކުޅޭ މެޗަކީ އޭނާ ބާސެލޯނާއަށް ކުޅޭނެ އެންމެ ފަހު މެޗުކަމަށްވެސް ޕީކޭ ބުންޏެވެ.

ބާސެލޯނާއަށް ކުޅުން ހުއްޓާލި ނަމަވެސް، އޭނާ އަބަދުވެސް ދެމިހުންނާނީ ބާސެލޯނާގެ ސަޕޯޓަރެއްގެ ގޮތުގައިކަމަށް ޕީކޭ ބުންޏެވެ. އަދި ކުރިއަށްއޮތް ތަނުގައި ބާސެލޯނާގެ ޓީމުން ކޮންމެވެސް ސިފައެއްގައި ފެނުމަކީވެސް ވެދާނެކަމެއްކަމަށްވެސް ޕީކޭ ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން