ކުރީ ސަރުކާރުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގީ ހަމަ ނަމަކަށް ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިރޭ ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވީ، ކުރީ ސަރުކާރުގައި ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައިވާނޭކަމަށް އެ ފަރާތްތަކުން ބުނިނަމަވެސް، އެ ސަރުކާރުގައި އެކަން ކޮށްފައިވަނީ ހަމަ ނަމަކަށް ކަމަށާއި އެ ކަންކަން ކޮށްފައިހުރީ ވޯޓާއި ދިމާކޮށް ކުރާ ކަމެއްގެގޮތުގައި ކަމަށެވެ.

މިއުވާން ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައި ނެތްކަމަށެވެ. އަދި ސަރުކާރުން ގަބޫލު ކުރަނީ ރަށްރަށުގައި ތިބޭ ރައްޔިތުންނަށްވެސް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތައް ލިބެންޖެހޭނެ ކަމަށް ކަމަށެވެ.

އަދި ފެނާއި ނަރުދަމާގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް މިއަންނަ އަހަރުގެ ބަޖެޓުގައި 567 މިލިއަން ރުފިޔާ ހިމަނާފައިވާނޭ ކަމަށާއި އެހެންކަމުން މި ދައުރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާގެ ހުރިހާ މަޝްރޫއުތަކެއް ނިންމާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން ނަޖިސްފެނުން ފެންވެރުން ނިމުމަކަށް ގެނައުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން