ޕީޕީއެމް-ޕީއެންސީގެ ދާއިރާ އިންތިހާބުގައި ވަކި ކެންޑިޑޭޓަކު ހޮވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ކަމަށްބުނެ މާލޭ ސިޓީ ކައުންސިލަރު ނަހުލާ އަލީ ދައްކަމުން ގެންދާ ވާހަކަތައް ޕީޕީއެމުން ދޮގުކޮށްފިއެވެ.

ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދާއިރާ އިންތިހާބުގައި ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން އަމަލުކުރަމުން ގެންދާ ކަމަށެވެ. އެގޮތުން ޕާޓީއާއި އެއްވެސް ގުޅުމެއް ނެތް ފަރާތްތަކުން ވެސް އިންތިހާބުގެ ތެރެއަށް ވަދެ ޕާޓީ ބައިބައި ކުރުމުގެ މަސައްކަތެއް ކުރަމުންދާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އޭގެތެރޭގައި ޕީޕީއެމްގެ މެންބަރުކަމުން ވަކިކޮށްފައިވާ މާލޭ ސިޓީ ކައުންސިލްގައި ވިލިމާލޭ ދާއިރާ ތަމްސީލު ކުރައްވާ ކައުންސިލަރު ނަޙުލާ އަލީ މި އިންތިހާބުގައި ވާދަކުރާ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ބުނަމުންދާ ކަމަށާއި އަދި ޕާޓީގެ ރައީސް ގެ ތާއީދު އޮތީވެސް ވަކި ކެންޑިޑޭޓަކަށް ކަމަށް ބުނެ ގޭގެއަށް ޒިޔާރަތް ކުރުމާއި މީހުންނާ ބައްދަލު ކުރުމާއި އަދި ތަފާތު ފޯރަމްތަކުގައިވެސް އެގޮތަށް ބުނަމުންދާ ކަމަށް ޕީޕީއެމުން ނެރުނު ބަޔާނުގައިވެެެއެވެ.

ޕީޕީއެމުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނަހުލާ އަލީގެ އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އިދިކޮޅު ކޯލިޝަންގެ އެތެރޭގެ ކަންކަމާއި ބެހި ބަސް ބުނުމުގެ ހައްގު އެއްގޮތަކަށް ވެސް އޭނާއަށް ލިބިގެން ނުވާ ކަމަށެވެ. އަދި މިކަން ހުއްޓާލުމަށާއި މިފަދަ ކަންކަން ބަލައިނުގަތުމަށް ވެސް އެޕާޓީން ވަނީ ގޮވާލާފަ އެވެ.

އިދިކޮޅު ދެ ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން