އަހުމަދު މަސްނޫމް   3 ނޮވެމްބަރު 2022 - 17:3
މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ބޭފުޅެއް ކަނޑައެޅުމުގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްއެންޕީން ރިޔާސީ ޕްރައިމަރީ ޖެނުއަރީމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވަނީ ރޭ ބޭއްވި އެޕާޓީގެ ފުރަތަމަ ޤައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި ނިންމާފައިވަނީ 1 ޑިސެމްބަރުގައި ޕްރައިމަރީއަށް އިޢުލާނުކޮށް، އަންނަ އަހަރުގެ ޖެނުއަރީގައި 14ގައި ރިޔާސީ ޕްރައިމަރީ އިންތިޚާބު ބޭއްވުމަށެވެ.



އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވާއިރު މިހާތަނަށް އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވަނީ އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް އެކަންޏެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ކެނޑިޑޭޓެއް އިއުލާންކޮށްފައިވަނީ ޕީޕީއެމުން އެކަންޏެެވެ. އެ ޕާޓީގެ ރިޔާސީ ކެނޑިޑެޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީވެސް އަންނަ މަހު ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝަޢުޤުވެރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފާޅުކުރައްވާފައެވެ. މީގެއިތުރުން އެމްޑީއޭއާއި، ޖުމްހޫރީ ޕާޓީއާއި ޑީއާރުޕީންވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން