ދިވެހިރާއްޖޭގެ ފަޚުރުވެރި 34 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ތިނެއް ނޮވެންބަރު ހަނދާނީ ބިނާ ސަރަހައްދުގައި މިއަދު ހެނދުނު 06:00 ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްޛާ މާރިޔާ އަޙުމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ދިދަ ޖަހައި، ގާޑު މައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. ދިދަވެރިން ދިދަ ޖަހައި، ގާޑު މާއުންޓް ކުރުމުން ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި ބޭކަލުންގެ ހަނދާނުގައި ހަތް ބަޑީގެ ސަލާމެއް އަރުވައި، ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.

މި ރަސްމިއްޔާތުގައި ސިފައިންގެ ޢަޒުމް އާ ކުރުން އޮތްއިރު، ސިފައިންގެ ޢަޒުމް އާ ކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ އިސްރަށްވެހިންނާއި ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖަހައި، ގާޑު މައުންޓް ކުރިއިރު ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ގާއިމުވެ ތިބޭ ހުރިހާ މަރުކަޒުތަކެއްގައި މިއަދުގެ ފަތިސް ނަމާދު ވަނީ އެއްޖަމާއަތެއްގައި ކޮށްފައެވެ. އެގޮތުން، މާލޭގައި ސިފައިން ފަތިސް ނަމާދު ޖަމާއަތުގައި ކޮށްފައި ވަނީ މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް ''އިސްލާމީ މަރުކަޒު'' ގައެވެ. ފަތިސް ނަމާދަށްފަހު ނަޞްރުގެ ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ވަނީ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން