ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލްގެ މައްޗަށް ކޮރަޕްޝަންގެ ދެ ދައުވާއެއްކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމައްސަލައަކީ 2014 އަދި 2015 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނަށް މުދާ ހޯދުމަށް އަމިއްލަ ކުންފުނިތަކަކާއެކު ވެވުނު އެއްބަސްވުންތަކަކާ ގުޅިގެން، ސަޕްލަޔަރުންގެ މަސްލަޙަތަށް އިސްކަންދީފައިވާކަން ފާހަގަކުރެވުނު މައްސަލައެެއް ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ހޯދާފައިވާ ލިޔެކިޔުންތަކުން އެނގުނު ގޮތުގައި އެއްބަސްވުންތަކުގައިވާ މުދާ ސަޕްލަޔަރު ޑެލިވަރީކޮށްފައި ވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުން ކަމަށް އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެ އެއްބަސްވުންތަކާއި ފެނަކަ ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޕޮލިސީގައި، ކަނޑައަޅާފައިވާ ތާރީޚުގައި މުދާ ޑެލިވަރ ނުކުރާނަމަ، ސަޕްލަޔަރަށް ފައިސާ ދައްކާއިރު، މުދާ ޑެލިވަރކުރަން ލަސްވި މުއްދަތަށް ލިކުއިޑޭޓަޑް ޑޭމޭޖަސް އުނިކުރެވޭނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ އެއްބަސްވުންތަކާއި ގުޅިގެން ސަޕްލަޔަރުންނަށް ފައިސާ ދޫކޮށްފައިވަނީ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިނުކޮށް ނުވަތަ އުނިކުރަންޖެހޭ އަދަދަށްވުރެ މަދުން އުނިކޮށްގެންކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

މީގެ އިތުރުން ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިކޮށްފައިނުވާތީ ނުވަތަ އުނިކުރަންޖެހޭ މިންވަރަށްވުރެ މަދުން ފައިސާ އުނިކޮށް ސަޕްލަޔަރުންނަށް ފައިސާ ދައްކާފައިވާތީ، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފެނަކައަށް ގެއްލިފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައިވަނީ މި މައްސަލައިގައި ތުހުމަތު ކުރާ ފަރާތްތަކުން ފެނަކަ ކޯޕަރޭޝަންގެ މަސްލަހަތަށްވުރެ އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ މަސްލަހަތަށް އިސްކަން ދީފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ. އެހެންވެ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން މިއީ ކޮރަޕްޝަން ހިމެނޭ މައްސަލައެއް ކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.

ނިމާލުގެ އިތުރުން މިމައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ؛

ކުރީގެ ފައިނޭންސް އެންޑް އެކައުންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރު މިންހާޖު ވަހީދު (ދަފްތަރު ނަންބަރ، ރސ 13520/ކ. މާލެ)

ކުރީގެ ޕްރޮޖެކްޓް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އަހްމަދު ސޯލިހް ނާސިރު (މޫންލައިޓް ހައުސް / ސ. މަރަދޫފޭދޫ)

ކުރީގެ ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އަޒްލީމް (ރޯޒްގާޑަން / ސ. ހުޅުދޫ) ގެ މައްޗަށެވެ.

މި ހަތަރު ބޭފުޅުންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫޏުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާޢެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ވަނީ ފޮނުވާފައެވެ. އަދި މި ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށުގެ ދައުވާ އުފުލަށް އޭސީސީން ޕީޖީއަށް ވަނީ ފޮނުވާފައެވެ.

ކުރީގެ އެމްޑީ މުހައްމަދު ނިމާލަށް ދައުވާ ކުރަން ފޮނުވިއިރު އޭނާ އަކީ ކ. އަތޮޅު ކައުންސިލްގެ ރައީސެވެ. ނިމާލަކި އިދިކޮޅު ޕީޕީއެމްގެ އިސް ހަރަކާތްތެރިއެއްވެސް މެއެވެ.

މި މައްސަލައިގައި ގެއްލިފައިވާ ފައިސާ ހޯދުމަށް ފެނަކަ އަށް އޭސީސީން ވަނީ އަންގާފައެެވެ.


ކިޔުންތެރިންގެ ހިޔާލު


-1

އަލިހޮއްކޮ

03-Nov-2022

އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެއެވެ. ތިޔައީ އޭދަފުށީ ކުރުވަހީދުގެ ދަރި ނިމާލެވެ. ޔާމީނަށް މިމީހުން ނިކަން ކަމުދާނެއެވެ.



ޓްރެންޑިން