އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަޝްރޫޢުއެއްގައި އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނުތަކާއި އަދި ގަވާޢިދުތަކާ ޚިލާފަށް، އެހެންދީނެއްގެ ޝިޢާރެއް ފާޅުކުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ކުށްވެރިކުރައްވައި، މިމައްސަލަ ބެއްލެވުމަށް ފުލުހުންނަށް ހުށަހަޅުއްވައިފިއެވެ.

އިސްލާމިކް މިނިސްްޓްރީން ބުނީ ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވާއިރު ރާއްޖޭގެ ރަށެއްގައި އެހެންދީނެއްގެ ޝިއާރެއް ބޭނުންކޮށްގެން އެއްވެސްކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކުން ކަނޑައެޅިގެން މަނާކުރާ ކަމެއްކަމަށެވެ.

މިނިސްްޓްރީން ބުނީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ރާއްޖޭގެ އަމަންއަމާންކަމާއި ސުލްޙަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއްކަމަށްވާތީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަމަށެވެ.

މި ޤާނޫނުގެ ދަށުން ހަދާފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާއިދުގެ 9ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަންބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިޢާރު ފާޅުކުރުމާއި ޢާންމު ތަންތާނގައި ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެއްކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ ވަނީ އެކަން ކުށްވެރިކުރައްވާ އެ މައްސަލަ ބައްލަވަން ފުލުހުންނަށްވެސް ހުށަހަޅުއްވާފައިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ތަފާތު މަޝްރޫޢުތައް ކުރިއަށްގެންދާއިރު، ރާއްޖެއިން ބޭރުގެ ފަރާތްތައް މިފަދަ މަޝްރޫއުތައް ހިންގުމުގައި ހަރަކާތްތެރިވާތީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް އެފަރާތްތައް އަހުލުވެރިކުރުވުމަށް ކަމާގުޅުންހުރި ފަރާތްތަކަށް އިސްލާމިކް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު