ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ބޭހެއްކަމަށްބުނެ ވިއްކަމުންދިޔަ ބޭހެއް ވިއްކުން, މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖަމޫ ސުރުތު ކިޔާ އެ ބޭހުގައި ޑޮކްޓަރީބޭސް ލިޑޯކެއިން އަދި ސިބުޓްރަމައިން ހިމެނޭކަމަށާއި އެކަމުގެ ސަބަބުން އެ ބޭސް ވަނީ ވަރަށް ގިނަ ގައުމުތަކުގައި މަނާކޮށްފައި ކަމަށެވެ.

އެ ބޭސް ވިއްކަމުން ދަނީ 100 އިންސައްތަ ފަތްޕިލާވެލީގެ އުފެއްދުމެއް ކަމަށް ބުނަމުން ކަމުގައިވިޔަސް ލިޑޮކެއިންއަކީ އައްސި ކުރުމަށް ބޭނުންކުރާ ބޭހަކަށްވާއިރު އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ލިބޭނެ ގެއްލުންވެސް އަންދާޒާ ނުކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މީގެ އިތުރުން ސިބުޓްރަމައިން އަކީ އޭގައި ހިމެނޭ ނުރައްކާތެރި ސައިޑް އިފެކްޓްތަކުގެ ސަބަބުން ގިނަ ގައުމުތަކުގައި މަނާކޮށްފައިވާ ބޭހެއްކަން ވެސް އެ އިދާރާއިން ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން, މިފަދަ ބޭސްތައް ގަތުމުގެ ކުރިން ފުރިހަމަ މައުލޫމާތު ހޯދުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މި މައްސަލަ ފެންމަތިވެފައިވާއިރު, މީގެ ކުރިންވެސް މިފަދަ ގޮތްނޭނގޭ އެކި ބޭސްތައް ފޭސްބޫކް ޕޭޖްތަކާއި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވިއްކާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު