ކައިރިކައިރީގައި އިންތިހާބުތައް ބޭއްވުމުގެ ބަދަލުގައި އަހަރަކު އެއްފަހަރު ޑަބްލިޔުޑީސީގެ ބައި އިލެކްޝަންތައް ބޭއްވުމަށް ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އަވަސްއަވަހަށް އިސްތިއުފާދެއްވާތީ، ކައިރިކައިރީގައި ބައި-އިލެކްޝަންތައް ބާއްވަން ޖެހޭތީ އެކަމަށް ހައްލެއް ގެނައުމަށް ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެއެވެ.

ޤާނޫނުގައި މިހާރު އޮންނަގޮތުން އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހެއެވެ. ނަމަވެސް ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބެއް ބާއްވަން ޖެހިއްޖެނަމަ އެހާލަތުގައި 365 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށެވެ. އަދި ދެ ބައި އިލެކްޝަނެއްގެ ދެމެދުގައިވާ މުއްދަތު 365 ދުވަހަށްވުރެ ދިގު އަދި 300 ދުވަހަށްވުރެ ކުރުވެގެން ނުވާނެކަމަށްވެސް މި އިސްލާހުގައިވެއެވެ.

މި ބިލު ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީންނެވެ. އަދި ކޮމެޓީން ބިލު ފާސްކުރިގޮތަށް މަޖިލީހުގެ ތަޅުމުން ބިލު ފާސްކޮށްފައިވަނީ 34 މެމްބަރުންގެ ވޯޓުންނެވެ.

ބިލު ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ 2 މެމްބަރުންނެވެ.



ކިޔުންތެރިންގެ ހިޔާލު