އިބްރާހިމް ފަހީމް   2 ނޮވެމްބަރު 2022 - 12:45
ސަރުކާރުން މިއަހަރަށް ކަނޑައެޅި 36.9 ބިލިއަން ރުފިޔާގެ ބަޖެޓު ހުސް ނުވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސަރުވަޝް ވިދާޅުވީ، މިހާތަނަށް މި އަހަރުގެ ބަޖެޓުން ހަރަދުވެފައި އޮތީ 31 ބިލިއަން ރުފިޔާކަމަށާއި 31 ބިލިއަން ރުފިޔާއާ 36 ބިލިއަން ރުފިޔާއާ ދެމެދު ޖާގަ ވެސް އެބައޮތް ކަމަށާއި އަދި ވަގުތުވެސް އެބައޮތް ކަމަށެވެ. އެހެންނަމަވެސް މުޅި ޖުމްލަ ހުރިހާ ހަރަދެއް ރިކޯޑުކޮށް ނިންމަން 42 ބިލިއަން ރުފިޔާ ބޭނުން ވާތީ މިއަހަރުގެ ބަޖެޓަށް ފައިސާ އިތުރު ކުރަން ޖެހެނީ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުވަޝް ވިދާޅުވީ މަޖިލީހަށް މިހާރު އެކަމާއި ގުޅިގެން ސިޓީ އެއް ވެސް ފޮނުވާފައި ވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހުނީ ތެލުގެ ސަބްސިޑީއަށް ކުރާ ހަރަދު ބޮޑުވުމުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރުމުންނާއި އަދި އެޗްޑީސީއަށް ކެޕިޓަލްގެ ގޮތުގައި ފައިސާ ހަމަޖެއްސުމުގެ އިތުރަށް މަޝްރޫއުތަކަށް ކުރާ ހަރަދު އިތުރުވުމުން ކަމަށެވެ. 

އެހެންކަމުން، މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބަޖެޓު ހުށަހެޅުއްވިއިރު އިތުރު ސަޕްލިމެންޓްރީ ބަޖެޓެއް ވެސް ހުށަހެޅުއްވިއެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުއްވީ މި އަހަރު ސަރުކާރުން ކުރާ ހަރަދު ނުވަތަ ޖުމްލަ ބަޖެޓް 42.8 ބިލިއަން ރުފިޔާއަށް އަރާނެތީއެވެ. އަދި އެ ހަރަދުތައް ކުރުމަށް އިތުރު 5.8 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން އިއްޔެގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މަޖިލީހުގެ ރުހުމަކާއި ނުލާ އިތުރު 5.8 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު