ރާއްޖެ ސަރަހައްދު ދިފާއުކުރުމަށް މިތިބީ ކަމަރު ބަނދެގެންކަމަށް ހޯމް މިނިސްްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްްޓަރ މިހެން ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން މޮރިޝަސް އާއި ޗާގޯސް މައްސަލައިގައި ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޗާގޯޒް އައިލެންޑްސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅަށް މި ސަރުކާރުން މީގެކުރިން ވޯޓް ދިނުމުން އިދިކޮޅު ފަރާތްތަކުން އޭރު ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ. އަދި އެކަމަށް މައާފަށް އެދެންޖެހޭނެކަމަށް އޮތީ ބުނެފައެވެ.

ނަމަވެސް މިއަދު ޗާގޯސްއާ އެއްކޮޅަށް ރާއްޖެއިން ވަކާލާތުކުރުމުންވެސް އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވަނީ ވިސްނާ ފިކުރުކުރާ ބަޔަކަށް މި ހިނގާ ބަހުސްގެ ހަގީގަތް އެނގުމަށް އިދިކޮޅުން ދައްކާ ވާހަކަތައް ނުފުދޭތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ.

އިމްރާން ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ދިފާއުކުރުމުގައި ސަރުކާރު އޮތީ ކަމަރު ބަނދެގެންކަމަށެވެ.

"ވިސްނާ ފިކުރުކުރާ ބަޔަކަށް މި ހިނގާ ބަހުސްގެ ހަގީގަތް އެނގުމަށް މިވަރު ނުފުދޭބާވޭއެވެ.ރާއްޖޭގެ ސަަރަހައްދު ދިފާއުކުރުމުގައި އަޅުގަނޑުމެންވެސް މިތިބީ ހަމަ ކަމަރު ބަނދެގެނެވެ." އިމްރާން ވިދާޅުވިއެވެ.

ޗާގޯސް މައްސަލައިގައި ތަފާތު ވާހަކަތައް ދައްކަމުން ދިޔަނަމަވެސް ސަރުކާރުން ބުނަނީ ރާއްޖެ ސަަރަހައްދުން އެންމެ ތަންކޮޅެއްވެސް ދޫކޮށްލުމަށް އެއްބަސްނުވާނެކަމަށެވެ. އަދި މިކަމުގައި އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ހަގީގާއި ހިލާފު ވާހަކަތަކެއްކަމަށްވެސް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު