2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ނުލިބޭނެކަން ޔަގީންވުމުން މިހާރު އުޅުއްވަނީ ވެރިކަން ގެއްލުވާލަން ކަމަށް ވިދާޅުވެ، ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަޙްމަދު (އިއްސެ)، ރައީސް ނަޝީދަށް ނުސީދާ ރައްދެއް ދެއްވައިފިއެވެ.

އިއްސެ މިފަދައިން ވިދާޅުވީ، އެމްޑީޕީ ތެރޭގައި ޕީޕީއެމްގެ ފެކްޝަނެއް އޮންނަކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވުމާއި ގުޅިގެން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު ޓްވިޓާގައި ދިން ރައްދަކާއި ގުޅިގެނެވެ.

އިއްސެ ރައީސް ނަޝީދަށް ނިސްބަތް ކުރައްވާ ވިދާޅުވީ، އެމްޑީޕީގެ ދުވަސްދުއްވާލަން އުޅެނީ ވެރިކަމާއި ބޮޑުކަން އަދި އަތްގަދަކަން ނޫން އެހެން އެއްވެސް ކަމަކަށް ނޭދޭ ވަކި މީހަކު ކަމަށެވެ.

އަދި 2018 ގައި ވެރިކަން ނުލިބުމުން މަސައްކަތް ކުރީ ޕާޓީން ކެންޑިޑޭޓަކު ވާދަ ނުކުރުމަށް ކަމަށާއި އަދި 2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ނުލިބޭނެކަން ޔަގީންވުމުން މިހާރު ހުރީ ވެރިކަން ގެއްލުވާލަން ހިފާފައި ކަމަށްވެސް އިއްސެ ވިދާޅުވިއެވެ.

ނަން ހާމަ ނުކުރެއްވި ނަމަވެސް އެއީ ސީދާ ރައީސް ނަޝީދަށް ދެއްވި ރައްދެއްކަން ކަށަވަރު ވެއެވެ.



ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރަށްވާ އެމްޑީޕީގެ މަޖިލިސް މެންބަރުން ރައީސް ނަޝީދަށް މިފަދަ ރައްދުތައް ދިނުން އިތުރުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ހިންގަން އެމަނިކުފާނު ހުރަސް އަޅުއްވާކަމަށް ތުހުމަތުކޮށެވެ. މަޖިލީހުގެ ތަޅުމުގައާއި ތަޅުމުން ބޭރުގައި ވެސް ރައީސް ނަޝީދު ގެންދަވަނީ ސަރުކާރާއި ރައީސް ޞާލިހުގެ ވިސްނުންފުޅާއި ދެކޮޅު ބަސްފުޅުތައް ވިދާޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު