ޗާގޯސްގެ މައްސަލާގައި ރާއްޖޭގެ ސިޔާސީ ޕާޓީތައް ބައިވެރިކުރަން ގޮވާލާ އެމްއެންޕީން ރައީސަށް ސިޓީއެއް ފޮނުވައިފިއެވެ.

އެމްއެންޕީން މިއަދު ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ޗާގޮސް މައްސަލާގައި ސަރުކާރުގެ ނިންމުންތަކަށް ދިއުމުގެ ކުރިން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް އެދޭ ކަމަށެވެ.

އަދި ދިވެހި ގައުމީ މަސްލަހަތު ދިފާއު ކުރުމަށް މިއަދު ދިވެހިންނަށް މަޖުބޫރުވެފައިވާ ކަމަށާއި އެއީ އެކި ސަރުކާރުތަކުން މިހާތަނަށް މި މައްސަލާގައި އަމަލު ކުރަމުން ގެންގޮސްފައި ވަނީ ކިހިނެއްކަން ދިވެހިންނަށް ނޭނގި އޮތުމުން ދޭހަވަނީ މި މައްސަލާގައި ރާއްޖޭގެ ގައުމީ މަސްލަހަތު އިސްކޮށްގެން އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވާކަން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި ކުރީ ސަރުކާރުތަކުން މި މައްސަލާގައި ކަންކޮށްފައިވާގޮތް އެނގޭނަމަ ޗާގޯސް ހޯދަން ދިވެހީން މަސައްކަތް ކުރީސް ކަމަށާއި، ސަރުކާރުން މި މައްސަލާގައި ކަން ކުރަމުންދާ ގޮތުން ކަންބޮޑުވާކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް ފޮނުވި ސިޓީ އާންމުކޮށްފައި ނުވާ ކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަ ދީފައިނުވާކަމަށްބުނެ އެކަމުގެ ކަންބޮޑުވުން އެމްއެންޕީގެ ސިޓީގައި ފާހަގަ ކޮށްފައިވެއެވެ. އަދި ސަރުކާރުގެ ސިޔާސަތުގެ ނަޒާހާތްތެރިކަމާމެދު އެ ޕާޓީން ސުވާލު އުފައްދާކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ޕާޓީން ބުނެފައިވަނީ، މި ބާވަތުގެ ކަންކަމުގައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ ފައިދާ ކުރާނެ ގޮތް ކަމަށެވެ.

އެމްއެންޕީ އިން ރައީސަށް ސިޓީއެއް ފޮނުވާފައި ވާއިރު އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ރާއްޖެއިން ބައެއް ނުގެއްލޭ ގޮތަށް ޗާގޮސްގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމު މީގެ ކުރިންވަނީ ވިދާޅުވެފައިއެވެ.

ނަމަވެސް ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ އިމުން ކުޑަމިންވަރެއްވެސް ގެއްލޭނެފަދަ އެއްވެސް އަމަލެއް ސަރުކާރުން ހިންގާފައި ނުވާނެ ކަމަށެވެ. މިސަރުކާރުން މިކުރާ މަސައްކަތަކީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ހައްލު ނުކޮށް އޮތް ރާއްޖޭގެ އިމުގެ މައްސަލައަށް ދާއިމީ ހައްލެއްހޯދުމުގެ މަސައްކަތް ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު