ރާއްޖެއާއި ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހި މައްސަލައިގައި ސިޔާސީ ބޭނުމަށް ގައުމު ހަލަބޮލިކޮށްގެން ނުވާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ޗާގޯސް އައިލެންޑްސްއާ (ނުވަތަ ފޯޅައްވަސާއި) ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި މައްސަލަ އާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ވިދާޅުވީ ފޯޅަވައްސަކީ ރާއްޖޭގެ ސަރަހައްދެެއްތޯ ބެލުމަށާއި އެތަނަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާނެތޯ ނުވަތަ ނޫންތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމަށެވެ.

ޖާބިރު ވިދާޅުވީ ރާއްޖެއާއި މޮރިޝަޝްގެ އިމާއި ގުޅޭ ފޯޅަވަހި މައްސަލައިގައި ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ. އަދި މޮރިޝަޝް މައްސަލައިގައި ބައިނަލްއަގުއާމީ ގުޅުންތައް މުގުރާލައި ސިޔާސީ ބޭނުމަށް ގައުމު ހަލަބޮލި ކޮށްގެން ނުވާނެކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގެ ކަންކަން ތަރުތީބުވާންޖެހޭނީ ދުނިޔޭގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ޖާބިރު ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ ބާރު އޮންނަންޖެހޭ ތަންތަނުގައި އޮންނަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތީ ބާރު ނޯންނަންޖެހޭ ތަންތަނުގައި ނޯއްނާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރާއި ހަމަޔަށް އަދާއި ހަމަޔަށް އައިއިރު ވޭތުވެ ދިޔަ ސަރުކާރުތަކުގައި ކްލިއާ ނުވެ އޮތް މައްސަލައެއް ކްލިއާ ކުރުމަށްޓަކައި މި ދަނޑިވަޅަކީ މުހިންމު ދަނޑިވަޅެއްކަމަށް އަޅުގަނޑު ގަބޫލުކުރަން، އަޅުގަނޑުމެންގެ މަސްކަނޑުން އިންޗި އެއްވެސް ދޫކޮށްގެން ނުވާނެ. ހުވަދޫ މީހުންނަށް އައްޑޫ މީހުންނަށް ގެއްލުންވެގެން ނުވާނެ. މުޅި ރާއްޖެއަށް ގެއްލުންވާނެ އެކަކަށްވެސްވާ ގެއްލުން،" ޔޮޓް ޓްއާސްގެ ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވިއެވެ.

ޢައްޑު އަތޮޅާ އެންމެ 650 ކިލޯމީޓަރު ދުރުގައި އޮންނަ ޗާގޯސް އައިލެންޑްސްއަކީ 7 ރަށެއްގެ މައްޗަށް އުފެދިފައިވާ ޖަޒީރާއެކެވެ. މަޝްހޫރު ޑިއޭގޯ ގާސިއާ ނުވަތަ ފޯޅަވައްސަކީ އޭގެތެރެއިން އެއް ރަށެވެ. މޮރިޝަސްގެ ބާރުގެ ދަށަށް ފޯޅަވަހި އެންމެ ފުރަތަަމަ ދިޔައީ ފްރާންސްގެ ދަށުގައި އޮތް މޮރިޝަސް އިނގިރޭސިންގެ ބާރުގެ ދަށަށް ދިޔަ ހިސާބުންނެވެ.

ނަމަވެސް 1968 ވަނަ އަހަރު އިނގިރޭސިންގެ މިބައިން މޮރިޝަސްއަށް މިނިވަންކަން ލިބުނުއިރު، ފޯޅަވަހި އޮތީ މޮރިޝަސްއާ ވަކިކޮށްފައެވެ. އަދި މިހާރު އެތަނަށް ދީފައިވާ ނަންކަމަށްވާ ބްރިޓިޝް އިންޑިއަން އޯޝަން ޓެރަޓަރީގެ ނަމަށް ބަދަލުކުރެވުނެވެ. އެއަށްފަހު އެތަން ބޭނުންކުރަމުން އައިސްފައިވަނީ އެމެރިކާއާއި އިނގިރޭސިންގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައެވެ. ފޯޅަވައްސަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާނެ ކަމަށް އެއްވެސް އިރެއްގައި ވަކާލާތު ނުކުރާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން