މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިނގިރޭސި ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ޝާހިދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ޝާހިދުގެ ދަތުރުފުޅުގައި ވަނީ އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް ޖޭމްސް ކްލެވަރލީއާ މިއަދު ހެނދުނު ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ހާއްސަކޮށް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ މަޝްވަރާތައް ބޭއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރޭގައި ރާއްޖެއިން ޔޫކޭއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމުގެ މަޝްވަރާތައް ހިމެނެއެވެ.

ޝާހިދުގެ ދަތުރުފުޅުގައި ވަނީ އިނގިރޭސިވިލާތުގެ މިނިސްްޓަރ އޮފް ސްޓޭޓް ފޮރ ދަ މިޑިލް އީސްޓް، ސައުތު އޭޝިޔާ އެންޑް ދަ ޔުނައިޓެޑް ނޭޝަންސް، ލޯޑް ތާރިގް އަހުމަދުއާވެސް ބައްދަލުކުރެއްވިއެވެ. މީގެއިތުރުން މިނިސްޓަރ ފޮރ އޭޝިޔާ، އެނާރޖީ، ކްލައިމެޓް އެންޑް އެންވަޔަރަމެންޓް ލޯޑް ގޯލްޑްސްމިތު އަދި މިނިސްްޓަރ ފޮރ ޑިވެލޮޕްމަންޓް އެޓް ދަ ފޮރިން ކޮމަންވެލްތު އެންްްޑް ޑިވެލޮޕްމަންޓް އޮފީސް އެންޑްރޫ މިޗަލްއާވެސް ޝާހިދު ބައްދަލުކުރައްވައި މަޝްވަރާތައް ބޭއްވިއެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންނާއިވެސް ވަނީ ބައްދަލުކުރައްވާފާއެވެ. އަދި އޮކްސްފޯޑް ޔުނިއަން ސޮސައިޓީގައި ތަގުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިނގިރޭސިވިލާތަށް ޝާހިދު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހުމަދު ޖަލީލް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން