ހއ، ހދ އަދި ށ.އަތޮޅުގައި ކުރިއަށް އޮތް 3 އަހަރުތެރޭގައި އިތުރު 6 ރިސޯޓު ހުޅުވިގެންދާނޭކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްދުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ހއ.ހދ. އަދި ށ. އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހއ.ހދ. އަދި ށ. އަތޮޅު ހިމެނޭ ބޮޑު ތިލަދުންމަތީގައި މިހާރުވެސް ރިސޯޓު، ހޮޓާ އަދި ގެސްޓުހައުސްތަކުން 1524 އެނދު އޮޕަރޭޓްކުރަމުންދާކަމަށެވެ. އަދި ކުރިއަށް އޮތް 2 އަހަރުގެތެރޭގައި ހދ. ދިއްޕަރުފުށި އަދި ހދ. ނާގޯށީގެ ފުރަތަމަ ފޭސް ހުޅުވި، ކުރިއަށް އޮތް 3 އަހަރުތެރޭގައި އިތުރު 4 ރިސޯޓު ހުޅުވިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.



މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް 3 އަހަރުތެރޭ އެ ސަރަޙައްދުގައި އޮޕަރޭޓްކުރާ ފަތުރުވެރިކަމުގެ އެނދުގެ އަދަދު 3700އަށް އަރާނެ ކަމަށެވެ. އަދި ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެވިގެންދާއިރު އެސަރަހައްދުގައި ފަތުރުވެރިކަމަށް އެކަށީގެންވާ މިންވަރަށް އެނދުތައް ހުންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްްޓަރ ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ތަރައްގީ ވެގެންދިއުމުން ފުުރަތަމަ އަހަރުތެރޭ ކޮންމެ ދުވަހަކު އެއެއަރޕޯޓު މެދުވެރިކޮށް ދުވާލެއްގެ މައްޗަށް 300 ފަތުރުވެރިން އަންނާނެކަމަށް ލަފާކުރެވޭކަމަށެވެ.

މިނިސްޓަރގެ ވާހަކައިގައި ހަނިމާދޫ އެއާޕޯޓާއި ތަރައްގީވެ، ފަތުރުވެރިކަން ކުރިއަރައިގެންދާއިރު އެ ސަރަހައްދުގައި އަސާސީ ކަންކަން ފުރިހަމަވާންޖެހޭ ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާ އާއި އިންޓަރނެޓުގެ ޚިދުމަތާއި، ރެސްޓޯރެންޓު ފަދަ ޚިދުމަތްތައް ތަރައްގީކުރަންޖެހޭނެކަން މިނިސްްޓަރ ފާހަގަކުރެއްވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން