ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ މުލިއާގޭގައި ރުފިޔާ ގުނަން އިންނަވާނެ ބޭފުޅެއް ނޫންކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކޮށްދީ، ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެންމެ މުހިންމު އަމާޒު ކަމަށެވެ.

ސައީދު ވިދާޅުވީ ރައީސް ޞާލިޙްގެ ރެއާއި ދުވާލުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވުން ކަމަށެވެ. އެގޮތުން ވަކި އާބާދީއަކަށް ނުބައްލަވާ ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތައް ފޯރު ކޮށްދެއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތައް ބަޔަކަށް ބަލައިނުގަނެވިގެން އުޅެނީ އެކަންކަން ހަޖަމު ނުވާތީ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަދުގެ ރައީސަކީ އެކަންކަން ބަހައްޓަވާފައި، މުލިއާގޭގައި ފައިސާ ގުނަން އިންނަވާނެ ބޭފުޅެއް ނޫންކަމަށެވެ.

ސައީދު މިފަދައިން ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ކަޅު ފައިސާގެ ތުހުމަތުތަކާއި ގުޅުވައިގެންނެވެ.

ރޭގެ ޕްރޮގްރާމްގައި ސައީދު ވަނީ މި ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްގީ ފާހަގަ ކުރައްވާ، ފެނަކައިން ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ ތަފުސީލީ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު