އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އިޤްތިސާދާއި ސިނާޢީ ކުރިއެރުމާއި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް 18 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާއި ޙަވާލުވެވަޑައިގަތީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ހައްލުނުވެ ހުރި އެތައް ގިނަ ކަންތައްތަކެއް ހައްލުކުރުމަށްކަމަށެވެ.

އަމީރު ވިދާުޅުވީ 2023 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުންކަމަށެވެ. އަދި ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް މަގުފަހިކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށެވެ.

"އިޖުތިމާޢީ އަދި އިޤްތިސާދީ އިންގިލާބީ ބަދަލުތަކެއް އަންނަކަމުގެ އިހުސާސް ރައްޔިތުންނާ ގާތްކޮށްދިނުން" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިސަރުކާރުން ވެފައިވާ ވަޢުދާއި އެއްގޮތަށް ތަފާތުކުރުމެއްނެތި، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި ރާއްޖޭގެ 158 ރަށެއްގައި ފެނާ ނަރުދަމާގެ މަޝްރޫޢުތައް ހިންގުމަށް ބަޖެޓުގައި 644 މިލިއަން ރުފިޔާ ހިމަނާފައިވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރު ސަރުކާރުން ހިންގުމަށް ނިންމާފައިވާ ބައެއް ބޮޑެތި މަޝްރޫޢުތަކަށް ބަލާއިރު، ގުޅީފަޅު ހިއްކުމަށާ، ރާއްޖޭގެ މައި ސީޕޯޓް ތަރައްޤީކުރުމަށް ބަޖެޓުގައި 959.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި މުޅި ރާއްޖޭގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކުރިއަށްއޮތް 3 އަހަރަށް 2.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫޢުތަކަށް 1.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވާއިރު، ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން މާލެ-ވިލިމާލެ-ތިލަފުށި-ގުޅީފަޅު ބްރިޖް މަޝްރޫޢަށް 792 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. ހަމައެހެންމެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން އައު ޕަސެންޖަރ ޓަރމިނަލުގެ މަސައްކަތަށް 686 މިލިއަން ރުފިޔާ އަދި އައްޑޫ ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް 422 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުނި ނައްތާލުމުގެ ނިޒާމުތައް ޤާއިމްކުރުމަށް 630.2 މިލިއަން ރުފިޔާ ހިމަނާފައިވާކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް 1.3 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމާނާފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 38 މިސްކިތެއް އިމާރާތްކުރުމަށާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްކުރުމަށްވެސް ބަޖެޓުގައި ހިމަނާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެ.

ބަޖެޓުގައި ހުރި ތަރައްްޤީގެ އެހެން މަސައްކަތްތަކަށް ބަލާއިރ ރަށްރަށުގައި ހައުސިންގ ޔުނިޓްތައް އެޅުމަށް 395 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ނޭޝަނަލް ސޯޝަލް ހައުސިންގ ޕްރޮޖެކްޓް ހިންގުމަށް 286 މިލިއަން ރުފިޔާ އަދި އެފޯޑަބަލް ހައުސިންގ ޕްރޮޖެކްޓަށް 32 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.

މީގެއިތުރުން ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ހިންގާ މަޝްރޫޢުތަކަށް 2.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ސަރުކާރުން ހިމަނާފައިވެއެވެ. މީގެއިތުރުން ވައިގެ ބަނދަރުތައް ތަރައްޤީކުރުމަށް 235.6 މިލިއަން ރުފިޔާވެސް ވަނީ ބަޖެޓުގައި ހިމަނާފައެވެ.



ކިޔުންތެރިންގެ ހިޔާލު